މިނިމަމް ވޭޖަށް އަމަލުކުރަން ފެށުމުގެ ގޮތުން ސިވިލް ސާވިސްގެ މުވައްޒަފުންގެ އަސާސީ މުސާރައަށް ބަދަލެއް ނުގެނެސް، މިނިމަމް ވޭޖް ހަމަޖައްސަން ފިކްސްޑް އެލަވަންސެން ދޭން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ، މިނިމަމް ވޭޖާ އެކު ސިވިލް ސާވިސްގެ 11،828 މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށެވެ.

މީގެ ތެރެއިން 50 ޕަސެންޓް މުވައްޒަފުންނަށް 1،500ރ. ގެ އިތުރުވުމެއް ލިބޭނެ އެވެ. އަދި 1،000ރ. ގެ އިތުރުވުމެއް 35 ޕަސެންޓް މުވައްޒަފުންނަށް، 500ރ. ގެ އިތުރުވުމެއް 11 ޕަސެންޓް އަދި 500ރ. އަށް ވުރެ ދަށް އަދަދެއް 4 ޕަސެންޓް މުވައްޒަފުންގެ މުސާރައިން ފެންނާނެ އެވެ.

'މިނިމަމް ވޭޖު އެލަވެންސް' ދޭން ފެށުމުން، ޖުމްލަ 24،000އަށް ވުރެ ގިނަ މީހުން މަސައްކަތްކުރާ ސިވިލް ސާވިސްގެ 11،828 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ. އެގޮތުން:

  • 1،500ރ. އިން މަތީގެ އަދަދެއް އިތުރުވާނީ 5،928 މުވައްޒަފުންނަށް
  • 1،000-1،500ރ.ގެ އަދަދެއް އިތުރުވާނީ 4،184 މުވައްޒަފުންނަށް
  • 500-1،000ރ.ގެ އަދަދެއް އިތުރުވާނީ 1،286 މުވައްޒަފުންނަށް
  • 500ރ.އަށް ވުރެ ދަށް އަދަދެއް އިތުރުވާނީ: 430 މުވައްޒަފުންނަށް

މިނިމަމް ވޭޖު ދެނީ އެލަވަންސެއްގެ ގޮތުގައިކަން ހާމަކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ފަރާތުން މުހައްމަދު ފައިސަލް ވިދާޅުވީ އަސާސީ މުސާރައަށް ބަދަލު ނުގެނެސް އެލަވަންސެއްގެ ގޮތުގައި މިނިމަމް ވޭޖު ދިނުމަށް ނިންމީ މި ވަގުތު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގައި ބޮޑެތި ފަރަގުތަކެއް ހުރުމުމުން މި ވަގުތަށް އަސާސީ މުސާރައަށް ބަދަލު ގެނައުމަކީ ވަރަށް ބޮޑު މަސައްކަތަކަށް ވާތީ ކަމަށެވެ.

"އެހެން ނޫނީ ސެލެރީ ސްޓުރަކްޗާއަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ. އެހެންވެ މި ވަގުތަށް މި ގެންނަ ކަމެއް މި އެލަވަންސަކީ. އަޅުގަނޑުމެން މި ކުރާ މުސާރަތަކުގެ ކަންކަން ނިމުނީމާ މިކަމަށް ބަދަލު އަންނާނެ،" ފައިސަލް ވިދާޅުވި އެވެ.

އަސާސީ މުސާރައަށް ބަދަލު ނުގެންނަން މުވައްޒަފުންގެ އިތުރު ގަޑީގެ އެލަވަންސަށް އަދި ޕެންޝަނަށް ވެސް އިތުރު ބަދަލެއް މިނިމަމް ވޭޖާ އެކު ނާންނާނެ އެވެ. މިނިމަމް ވޭޖް އެލަވަންސްއެއް ދޭން ނިންމުމުން އެކި މުވައްޒަފުންނަށް ލިބޭނީ މި އެލަވަންސް އެކި ވަރަށެވެ.

މިނިމަމް ވޭޖާ އެކު ސިވިލް ސާވިސްގައި ހިމެނޭ ސަޕޯޓް ސާވިސް ރޭންކުތަކުގެ މުވައްޒަފުންގެ މުސާރަތަކަށް އަންނާނެ ބަދަލުތަކަކީ:

  • ރޭންކު 1 - މިހާރު ލިބެނީ 5،083ރ. ދެން ލިބޭނީ 7،000ރ.
  • ރޭންކު 2 - މިހާރު ލިބެނީ 5،427ރ. ދެން ލިބޭނީ 7،255ރ.
  • ރޭންކު 3 - މިހާރު ލިބެނީ 5،504ރ. ދެން ލިބޭނީ 7،500ރ.
  • ރޭންކު 4 - މިހާރު ލިބެނީ 6،236ރ. ދެން ލިބޭނީ 7،730ރ.

މިނިމަމް ވޭޖާއި މުސާރައިގެ ހަމަހަމަކަން ގެނައުމަށް ދައުލަތުގެ ބަޖެޓަށް އަންނަ އަހަރު އިތުރު 500 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ. މީގެ އިތުރުން މުވައްޒަފުންގެ މުސާރައިގެ ހަމަހަމަކަން ގެނައުމަށް 2023 ވަނަ އަހަރު 750 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި 2024 ވަނަ އަހަރަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅަން ވަނީ ޕްލޭންކޮށްފަ އެވެ.