މާލޭގައި ޕާކުކޮށްފައިވާ ސައިކަލެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ވައްކަންކުރި ވީޑިއޯއެއް ހިއްސާކުރަމުން ފުލުހުން ބުނީ އޭނާ އަކީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ވަގުތެއްގައި ދަރުމަވަންތަ ސްކޫލުގެ ހަދަމުންދާ އިމާރާތް ކައިރީ ޕާކްކޮށްފައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާފަންނު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފިރިހެނަކު ރަތް ކުލައިގެ ސައިކަލެއްގައި ދުއްވާފައިދާ މަންޒަރު ފެނެ އެވެ.

ފުލުހުން ވަނީ މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައިވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސްގެ ނަމްބަރަށް ގުޅައި މައްސަލައިގެ މައުލޫމާތު ހިއްސާކުރުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް މާލޭގައި ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. މިފަދަ މައްސަލަތައް މަދުކުރުމަށް އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމަށް ވެސް ފުލުހުން މީގެ ކުރިން އިލްތިމާސްކޮށްފައިވެ އެވެ.