މަޝްހޫރު ރިއަލިޓީ ސްޓާރު ކިމް ކާޑޭޝިއަންގެ ބިޒްނަސް މެނޭޖަރު ރަހުމުކުޑަ ގޮތަކަށް މަރާލައިފި އެވެ.

ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ ކިމްގެ ވިޔަފާރީގެ ކަންކަމާ ހަވާލުވެހެން ހުރި އެންޖީ ކުކޯސްކީ ނަމަކަށް ކިޔާ އުމުރުން 55 އަހަރުގެ އަންހެން މީހާ މަރާލާފައި ވަނީ ވަޅިން ހަމަލާދިނުމަށްފަހު އެވެ.

މައްސަލަ ބެލި ޕޮލިހުން އެންޖީ މަރާލިކަމަށް ތުހުމަތު ކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ޖޭސަން ބާކާއަށެވެ.

އެންޖީގެ އަމިއްލަ ގޭގައި އޭނާ މަރާލުމަށްފަހުގައި ކާރަށް ލައި ކެލިފޯނިޔާ، ސިމީ ވެލީގައި ހުންނަ ގެއެއްގެ ކުރިމައްޗަށް ލައި ބެހެއްޓިކަމަށް އެމެރިކާގެ ނޫސްތަކަށް ފުލުހުން ބުނެފައިވެ އެވެ.

އެންޖީގެ މަރާ ގުޅިގެން ކިމް ވަނީ އެކަމާ ހިތާމަ ފާޅުކޮށްފަ އެވެ.

އެންޖީއަކީ ވަރަށް މޮޅު މީހެއް ކަމަށާއި، އެންމެންނާ މެދުގައި އަބަދުވެސް ގާތްކަމާއި ގުޅުން ބަދަހިކޮށް ހަދާ ކަމަށް ކިމް ވަނީ ބުނެފަ އެވެ. އަދި އެންޖީއަކީ މީހުންނަށް ނުކުރެވޭ ކަންކަން ފަސޭހަކަމާއެކު ކޮށް، ދައްކާލާ މީހެއް ކަމަށް ވެސް ކިމް ބުނެފައިވެ އެވެ.

އޭގެ އިތުރުން ކިމް ވަނީ އެންޖީގެ މަތިން ހަނދާން ނުނެތޭނެ ކަމަށާއި، އޭނާގެ އާއިލާ އެންމެންނަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާކުރާ ކަމަށް ބުނެ މެސެޖެއް ކޮށްފަ އެވެ.

އެންޖީ ބާކާއަކީ ކިމްގެ އިތުރުން ވެސް ގިނަ މުއްސަނދި މީހުންގެ ވިޔަފާރިތައް ހިންގުމާ ހަވާލުވެފައިވާ މީހެކެވެ. އޭނާ މަރުވީ މިމަހުގެ 12 ވަނަ ދުވަހު 200،0000 ޑޮލަރުގެ ޑީލެއް ވެސް ނިންމުމަށް ހަމަޖެހިފައިވަނިކޮށެވެ.