އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހަކު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލާގައި ހައްޔަރުކުރި ދިވެހި ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހުމާނުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ ގްރޭސް ނަމަކަށް ކިޔާ ނަރުސް މަރާލި ކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ އޭނާގެ ފިރިމީހާކަމަށްވާ އުމުރުން 29 އަހަރުގެ މާވިން ހައްޔަރުކޮށްފައިވާއިރު، އެއަށްފަހު މި މައްސަލައާއި ގުޅިގެން ހައްޔަރުކުރީ ލަމްހާ އެވެ.

މި މައްސަލާގައި ލަމްހާ ހައްޔަރުކޮށް މީގެ ކުރިން އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

މި މުއްދަތު ހަމަވުމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ ލަމްހާގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް ދީފަ އެވެ.

މާވިން އާއި ލަމްހާގެ މައްޗަށް ދައުވާކުރުމަށް ފުލުހުން މިހާރު ވަނީީ ޕީޖީއަށް ހުށަހަޅާފަ އެވެ.

މިގޮތުން ލަމްހާއަށް، މޭރީ މެރުމަށް ރޭވުމާއި، އެ ކުށް ކުރުމަށް ރާވައި، ކުށް ކުރުމަށް އެދުމާއި، ކުށް ކުރުމުގެ އާލާތްތައް އަތުގައި ހުރުމުގެ އިތުރުން، މަރު ފޮރުވުމާއި، ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުތައް ކޮށްފައިވެ އެވެ.