މިންތީގެ ހަމަހަމަކަން ގާއިމްކޮށް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވާ ގޮތަށް ގާނޫނީ އޮނިގަނޑު ފަރުމާކުރެވިފައި ވީނަމަވެސް އެކަން ތަންފީޒުކުރުމަށް އެކަށީގެންވާ މަސައްކަތްކުރެވިފައި ނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ކަށަވަރުކުރުމަށް ގާނޫނުން އެކޮމިޝަނާ ލާޒިމްކޮށްފައިވާ ކަންކަމުގެ މައްޗަށް އެކުލަވާލައި ތައްޔާރުކޮށްފައިވާ "ހިއުމަން ރައިޓްސް ރިޕޯޓް 2021"ގަ އެވެ.

ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ހާއްސަކޮށް ކޯޓާއެއް ކަނޑައެޅުމަށްފަހު ބޭއްވި ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބުގައި 833 އަންހެން ކެންޑިޑޭޓުން ވާދަކުރިނަމަވެސް މިފަދަ ކޯޓާއެއް ކަނޑައެޅުމުގެ މަގްސަދު އާންމުންނަށާއި އެކަމުގައި ހިމެނޭ މީހުންނަށް ނޭނގޭ ކަމަށާއި އަންހެނުންނަށް ކުރިމަތިލެވެނީ ހަމައެކަނި ކޯޓާގެ ދަށުން ހާއްސަ ކޮށްފައިވާ ގޮނޑިތަކަށް ކަމަށް ބައެއް ފަރާތްތަކުން ދެކޭ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ. މިއާއެކު އާންމު ގޮނޑިތަކަށް ކުރިމަތިލާފައިވަނީ ހަމައެކަނި ދެ ޕަސެންޓް އަންހެނުންކަން ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމިޝަންގެ ރިޕޯޓުގައި ރަށްރަށުގައި އުޅޭ އަންހެނުން ބާރުވެރިވުމަށް ހުރި ފުރުސަތުތައް މަދުކަން ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގައިވަނީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވީ އިގްތިސާދީ ލޮޅުމުގައި، ވަޒީފާ ގެއްލުނު އަންހެނުންގެ އަދަދު އިތުރުކަން ފާހަގަކޮށްފަ އެވެ. އެގޮތުން ފިރިހެނުންގެ ތެރެއިން 47 ޕަސެންޓް މީހުން ރިޑަންޑަންޓްވީއިރު، އަންހެނުންގެ ތެރެއިން ގާތްގަނޑަކަށް 55 ޕަސެންޓް މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މި ތަފާތު އިތުރަށް ބޮޑުކަން ކޮމިޝަނުން ފާހަގަކުރެ އެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު، ތައުލީމީ ދާއިރާއިން އަސަރުކޮށްފައިވާ ކޮންމެ 10 މީހަކުން 8 މީހަކީ އަންހެނެއް ކަމަށާއި، ސިއްހީ ދާއިރާއާއި ގޭތެރޭގެ މަސައްކަތްތަކުގެ އިތުރަށް ފަންނީ ހިދުމަތްތައް ފަދަ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އަސަރުކުރި އަންހެނުންގެ ނިސްބަތް އިތުރުވެފައިވާއިރު، އެނޫން ދާއިރާތަކުގައި އަސަރުކުރި ފިރިހެނުންގެ ނިސްބަތް އިތުރުކަން ކޮމިޝަނުން ރިޕޯޓުގައިވެ އެވެ.

އަންހެނުންގެ ހައްގުތަކާއި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ދީން ބޭނުންކުރާކަންވެސް ފާހަގަކޮށްފައިވެ އެވެ. އަދި އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުން ބޭނުންކުރާކަން އެޗްއާރުސީއެމުން ވަނީ ފާހަގަކޮށްފަ އެވެ.