ކޮވިޑް-19 އަށް ފަރުވާހޯދަމުން ދަނިކޮށް އަނެއްކާ ވެސް އައްޑޫން އިތުރު މީހަކު ނިޔާވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް ނިޔާވީ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް އޭނާ ނިޔާވީ ރޭ މެންދަމު 2:30 ގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއީ ކޮވިޑަށް ފަރުވާދެމުން ގެންދަނިކޮށް މިއަހަރު ނިޔާވި ފުރަތަމަ މީހާ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިން މަރުވި މީހުންގެ އަދަދު ވަނީ 262 އަށް އަރާފަ އެވެ. މިބަލީގައި އެންމެ ފަހުން ރާއްޖެއިން ނިޔާވެފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގަ އެވެ.

ރާއްޖެއިން މިހާތަނަށް 96،294 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 93،410 މީހަކު ބަލިން ރަނގަޅު ވެފައިވެ އެވެ. އަދި 12 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.