ވ. ވަށުގިރީގައި ރިސޯޓު ހަދަން އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގަވައިދާ ހިލާފަށް ހެދުމުން އެ ރިސޯޓު 500،000 އަށްވުރެ ގިނަ ރުފިޔާއިން އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޖޫރިމަނާކޮށްފި އެވެ.

"ކޮކޯގިރި"ގެ ނަމުގައި އެ ރިސޯޓު ހިންގާ ވަށުގިރި ޕްރައިވެޓް ލިމިޓެޑް 593،750 ރުފިޔާއިން ޖޫރިމަނާކުރީ ރިސޯޓް ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ބޭނުންވާ ތިމާވެއްޓަށް އަސަރު ފޯރުވާ މިންވަރު ބަޔާންކުރާ ރިޕޯޓު ގަވާއިދާ ހިލާފަށް ހެދުމުން ކަމަށް އީޕީއޭއިން ބުންޏެވެ.

ނަމަވެސް އޭގެ ތަފުސީލެއް އެ އެޖެންސީން ނުދެ އެވެ.

މާލެއިން ފުރައިގެން ގަޑިއެއްހާއިރުން ދެވޭ ހިސާބުގައި އޮންނަ ވަށުގިރި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރީ ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތަކެއް ތަރައްގީކޮށް ހިންގާ ސިންގަޕޫރުގެ ބިލިއަނަރު އޮންގްބެންސެން އެވެ.

https://www.instagram.com/p/BHoYwwrDG0D/

އީޕީއޭއިން ބުނިގޮތުގައި ވަށުގިރި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން، ތިމާވެއްޓަށް ގެއްލުންދޭ ޖޫރިމަނާ ކަނޑައެޅުމާއި، ބަދަލު ހޯދުމުގެ ގަވާއިދަށް ރިއާޔަތް ކުރުމަށްފަހު އެވެ. އަދި އޭގެ އިތުރުން ތިމާވެއްޓަށް އަސަރުފޯރުވާ މިންވަރު އަންގައިދޭ ރިޕޯޓު ހެދުމުގެ ގަވާއިދުގެ ދަށުން ވެސް އެ ކުންފުނި ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެފައިވެ އެވެ.

އީޕީއޭއިން ބުނީ އެ ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އަންގާފައިވާ ކަމަށެވެ.