މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ 85 ޕަސެންޓް މަސައްކަތް ގިނަ ރަށްރަށުގައި ފަށާފައިވާ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ

ރައީސް ސޯލިހު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ވަނީ ފާއިތުވެ ދިޔަ ދެ އަހަރު ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިތަކާއެކު ވެސް ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ 85 އިންސައްތަ މަސައްކަތް ގިނަ ރަށްރަށުގައި މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި، ކުރިޔަށް އޮތް ދުވަސްތަކުގައި އަމާޒަކީ މި ވައުދުތައް އެކީ ފުއްދައި ނިންމުމަށް ކަމަށް ވިދާޅުވެފަ އެވެ.

މިއަދު ހެނދުނު މާފަރު ސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުން ވަނީ އެ މީހުންގެ ޚިޔާލާއި ފިކުރާއި ރަށް ތަރައްޤީކުރުމުގައި ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވާފަ އެވެ. މި ގޮތުން، ރައްޔިތުން ވަނީ ސިއްހީ ޚިދުމަތްތައް ފުޅާކުރުމާއި، ރަށުގެ އިހުތިސާސް އާ ގުޅޭ ކަންބޮޑުވުންތަކާއި، މާފަރު އެއާޕޯޓާއި ގުޅޭ ކަންކަމުގައި ދިމާވާ ބައެއް ދަތިތައް ހައްލުކޮށްދެއްވުމަށް އެދި ރައީސަށް ދަންނަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މާފަރުގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ރާވާފައިވާ ބައެއް ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. މި ގޮތުން އެ މަނިކުފާނު ހާމަކުރެއްވި ގޮތުގައި، މާފަރަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ހިންގާ ރަށަކަށްވުމާއެކު ރަށުގެ ސިއްހީ މަރުކަޒުގެ ޚިދުމަތް ރަނގަޅުކުރުމަށް ނިންމާފައިވާ ކަމަށާއި، މި އަހަރު މާފަރުގައި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫއެއް ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ސްކޫލްގެ ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސްކޫލް އެކްސްޓެންޝަން މަސައްކަތް މިހާރުކުރަމުންދާ ކަމަށާއި، ސްކޫލްގެ ކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި އަންނަ ޓާމް ފެށެން ވާއިރަށް ސްކޫލަށް ބޭނުންވާ ޕްރިންސިޕަލެއް ވެސް ހަމަޖައްސައި ދެއްވާނެ އެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސް ވަނީ މާފަރު އެއާޕޯޓް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ. މި ގޮތުން މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން ހިމެނިގެން ރަންވޭ ބޮޑުކުރުމާއި، އެއާޕޯޓް ހޮޓެލެއް ގާއިމުކުރުމާއި، ތެޔޮ އެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެއާޕޯޓުން އަސާސީ ޚިދުމަތް ނުލިބޭ މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި އިތުރަށް އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މިފަދަ ދަތުރުތައް ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވުމުގެ ބޭނުންފުޅަކީ ރައްޔިތުން އެދޭ ކަންކަން އޮޅުންފިލުއްވައި، ރާއްޖޭގެ ތަރައްގީއަށް އިތުރަށް ކުރަންހުރި ކަންކަން ދެނެވަޑައިގަތުން ކަމުގައި ވިދާޅުވެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މާފަރަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.