ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހުގެ މިދަތުރުފުޅުގައި އެމަނިފާނު ވަނީ ނ. މާފަރާއި، ލަންދޫ، މަނަދޫ، މަގޫދޫ އަދި ހޮޅުދޫ އަށް ޒިޔާރާތްކުރައްވާފަ އެވެ. އަދި އެރަށްތަކުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނާއި އެމަނިކުފާނު ބައްދަލުކުރައްވާފައިވެ އެވެ.

އޭގެ އިތުރުން، ގިނަ ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައިވާއިރު، ރަށްތަކުގައި ހިންގާ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ހާލަތުވެސް ރައީސް ސޯލިހު ބައްލަވާފައިވެ އެވެ. އަދި ރައީސް ސޯލިހް ވަޑައިގެންނެވި ރަށްތަކުގެ ކައުންސިލުން ވަނީ އެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިތުރު ކަންކަން ރައީސް އާ ހިއްސާކުރައްވާފަ އެވެ.

ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވާ ދެއްވާފަ އެވެ.

ހަމައެހެންމެ މަގޫދޫގައި އަލަށް އިމާރާތްކޮށްފައިވާ އިންޖީނުގެއާއި، ހޮޅުދޫ ފުޓްބޯޅަ ދަނޑު ވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފައިވެ އެވެ. ރައީސް ޞާލިހް ނ.އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވަނީ އެއަތޮޅަށް ވަޑައިގެންފަ އެވެ.