ސްޓެފެން މާޓޯ އަކީ އެމެރިކާއަށް ނިސްބަތްވާ ރިއާލިޓީ ޓީވީ ޝޯތަކުގެ ސްޓާރެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ އޭނާ ކޮށްފައިވާ މުޅިން ވެސް އާދަޔާ ހިލާފު މަސައްކަތެއްގެ ސަބަބުންނެވެ.

މިގޮތުން ސްޓެފެން އަކީ ފޮޑިޖެހުމުގެ މަސައްކަތް ކުރި އަންހެނެކެވެ. އަދި އޭނާ ވަނީ ކުދި ބިއްލޫރި ފުޅިތަކަށް ފޮޑިޖަހައި އޮންލައިންކޮށް އެފުޅިތައް ވިއްކާ ވިޔަފާރިކޮށްފަ އެވެ.

ފޮޑިޖަހާފައިވާ ބިއްލޫރި ފުޅިއެއް އޭނާ ވިއްކަނީ 1،000 ޑޮލަރަށެވެ. އެ ވިޔަފާރި ކުރަމުން ގޮސް އޭނާ ވަނީ 200،000 ޑޮލަރުގެ ފައިދާއެއް ވެސް ހޯދާފަ އެވެ.

ސްޓެފެންގެ މި އާދަޔާ ހިލާފު މަސައްކަތް ކުރިއަރައިގެން ދިޔައީ ވެސް ވަރަށް އާދަޔާ ހިލާފު ގޮތަަކަށްށެވެ. މަޖަލަކަށް ނަމަވެސް ސްޓެފެން ވިއްކާ އެފުޅި ގިނަ ބަޔަކު ގަނެ، އޭގެ ޑިމާންޑް ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިޔަ އެވެ. އެއާއެކު މަސައްކަތް ކުރިއެރުވުމަށް ސްޓެފެންއަށް ވެސް ޖެހުނީ އިތުރަށް މަސައްކަތް ބުރަ ކުރަންށެވެ.

ނަމަވެސް އޭނާގެ ވިޔަފާރިއަށް ކުރިއެރުން ލިބިގެން ދިއުންވީ އޭނާގެ ސިއްހަތަށް ކުރިމަތިކުރުވި ނުރައްކަލަކަށެވެ. ޑިމާންޑް ބޮޑުވުމުގެ ސަބަބުން، ސްޓެފެންގެ މަސައްކަތް ބުރަވެގެންގޮސް ދެ ދުވަހުގެ މައްޗަށް 97 ފުޅިއަށް ފޮޑިޖަހަން ޖެހުނު ދުވަސްތަކެއް ދިޔަކަމަށް ވެސް ސްޓެފެން ވަނީ ބުނެފަ އެވެ.

މިކަމުގެ ސަބަބުން އެއްރެއަކު ސްޓެފެން ވަނީ ގަދަބާރުން، މާ ބޮޑަށް ހަށިގަނޑުން ވައި ބޭރުކުރުމަށް މަސައްކަތްކުރުމުގެ ސަބަބުން ހާޓް އެޓެއްކެއް ޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. ގަދަބާރުން ވައި ބޭރުކުރުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ކުރިމަތިވި ދަތިތަކާއި، ސިއްހަތަށް ކުރުވާނެ ގެއްލުންތަކާ މެދު ސްޓެފެންއަށް ވިސްނުނީ ދެނެވެ.

އެ ދުވަހަށްފަހު ސްޓެފެން ވަނީ އޭނާގެ އެ ވިޔަފާރި އެއްކޮށް ހުއްޓާލާފަ އެވެ. އަދި އެ މަސައްކަތަށް އަނބުރާ އޭނާ ދެން ނުދާނެ ކަމަށް ސްޓެފެން ވަނީ ބުނެފަ އެވެ.