ކޮވިޑް-19ގެ އައު ވޭރިއަންޓް އޮމިކްރޯން ހަލުވިކަމާއެކު ފެތުރެމުންދާތީ، ދިވެހިން އިންޑިއާއަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން އެކި ބޭނުންތަކުގައި ދަތުރުކުރާ ގައުމެކެވެ. ނަމަވެސް ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފަ އެވެ.

އެ މިނިސްޓްރީން ބުނީ، ކޮވިޑް ފެތުރެމުންދިއުމާ ގުޅިގެން، އެ ގައުމުގެ ސަރުކާރުން ދަނީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރަމުން ކަމަށެވެ. އެގޮތުން މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން އިންޑިއާއަށްދާ މީހުން، ހަތް ދުވަހުގެ މުއްދަތަކަށް ހޯމް ކަރަންޓީން ވާންޖެހޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެހެން ކަމުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި އިންޑިއާގައި އުޅޭ ދިވެހިން ވެސް އެ ގައުމުގެ ސަރުކާރުން ނިންމަވާ ނިންމުންތަކަށް ސަމާލުވުމަށް ވެސް ފޮރިން މިނިސްޓްރީން އަންގާފައިވެ އެވެ.