ކުރީގެ ސަރުކާރުން ސައުދީގެ ހިލޭ އެހީގައި މާލޭގައި ތަރައްގީ ކޮށްފައިވާ ސަލްމާން މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެދިވަޑައިގެންފި އެވެ.

މިނިސްޓަރު ޑރ. ޒާހިރު މިގޮތަށް އެދިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި އެވެ. އެސިޓީގައި މިނިސްޓަރު ވިދާޅުވެފައިވަނީ ކާނިވާ ސަރަހައްދު ހިމެނޭ ސަރަހައްދުގައި ތަރައްގީ ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފެށުން ލަސްވަމުންދާތީ އެކަމާ ގުޅޭ ގޮތުން އާންމު ރައްޔިތުންގެ ގިނަގުނަ ޝަކުވާ އިސްލާމިކް މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

އަދި އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން ސަލްމާން މިސްކިތް ހުޅުވުމަށްޓަކައި ސައުދީން ރާއްޖެއަށް އައި ވަފުދާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ސިޓީގައި ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އެކަމަށް ހިނގާ ހުރިހާ ހަރަދެއް ސައުދީ ދޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް މިނިސްޓަރު ރައީސަށް ފޮނުއްވި ސިޓީގައި ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން މިސްކިތް ހުޅުވުމަށް ދެ މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 30 މިލިއަން ދިވެހި ރުފިޔާ ސައުދީ ސަރުކާރުން ދޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ކަމަށް މިނިސްޓަރު ޑރ. ޒާހިރުގެ ސިޓީގައި ފާހަގަކުރެއްވި އެވެ.

ކިންގް ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރު ގެނައުމުގެ މަޝްރޫޢަށް ހުށަހަޅާފައިވާ ކޯޓޭޝަނުގެ އަގަކީ 1.6 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 25 މިލިއަން ދިވެހި ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާރުން ފެށިގެން ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރު ގެނައުމުގެ މަސައްކަތް ނުކުރެވިއްޖެ ނަމަ އަންނަ ރަމަޟާން މަހަށް ވެސް މިސްކިތް ނުހުޅުވޭނެ ކަމަށާއި، އެހެންކަމުން ދައުލަތުގެ ބަޖެޓުން އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވުމަށް މިނިސްޓަރު ރައީސް އަރިހުން އެދިވަޑައިގަތެވެ.

އެ ފައިސާއަކީ ސައުދީ ސަރުކާރުން ދޭނެ ފައިސާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.