ފަސޭހައިން އަތް ފޯރާ އަގެއްގައި ލިބުން ހުންނަ ޕީނަޓު ބަޓަރަކީ ސިއްހަތު ރަނގަޅުކޮށް ސިކުނޑީގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ކެއުމުގައި ހިމެނުން ރަނގަޅު ކާނާ އެކެވެ. ގިނަ ޑައެޓް ޕްލޭންތަކުގައިވެސް ޕީނަޓު ބަޓަރ ހިމެނޭއިރު މިއީ މިހާރު ދިވެހިންގެ ސުފުރާ މައްޗަށް އާންމު ވަމުން އަންނަ ބާވަތެކެވެ. މީރުވުމުގެ އިތުރުން މިއިން ގިނަ ގުނަ ފައިދާވެސް ލިއްބައިދެ އެވެ.

އުރަމަތީ ކެންސަރުން ދުރުކޮށްދޭ

ޕީނަޓުގައި ހިމެނޭ ޕްރިޓީން އަދި ނެޗުރަލް ފެޓްސް ގެ ސަބަބުން އުރަމަތި ކެންސަރު އަދި އުރަމަތީގެ އެކި ބަލިތަކުން ދުރުކޮށްދެ އެވެ. މިކަން ވަނީ ބްރެސްޓް ކެންސަރު ރިސާޗް ފައުންޑޭޝަން އަދި ޔޫއެސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ހެދި ދިރާސާއަކުން ސާބިތުވެފަ އެވެ.

ބަރުދަން ލުއިކުރުމަށް އެހީވެދޭ

ޕީނަޓު ބަޓަރުގައި ހިމެނޭ ޕްރޮޓިން، ފައިބާ އަދި ނިއުޓްރިޝަންގެ ސަބަބުން ޑައެޓް ޕްލޭންގައި ހިމަނައިގެން ގަވައިދުން ބޭނުން ކުރާނަމަ ބަރުދަން ލުއި ކުރުމަށް އެހީވެދެ އެވެ. ފާހަގަ ކޮށްލެވޭކަމަކީ ޕީނަޓު ބަޓަރު ބޭނުން ކުރި ނަމަވެސް ލޭގައި ހަކުރު ހިމެނޭ މިންވަރު ވަކި އިތުރު ނުވާކަމެވެ. އެހެން ކަމުން ކޮންމެ ދުވަހަކުވެސް ދުވަލު ދެ އިރު ދެ ސަމުސަލެއްހާ ޕީނަޓު ބަޓަރު ކެއުމުގައި ހިމަނާށެވެ.

ކަސްރަތަށް ފަހު މަސްގަނޑަށް ލިބޭ ގެއްލުން ރަނގަޅުކޮށްދޭ

ބަރުދަން ލުއި ކުރުމަށް ޕީނަޓު ބަޓަރު ކެއުމުން ފައިދާ ކުރާއިރު ބަރުދަން ލުއިކުރުމަށް ކުރާ ކަސްރަތު ތަކުން މަސްގަނޑަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށްވެސް ޕީނަޓު ބަޓަރަކީ މުހިއްމު އެއްޗެކެވެ. ސަބަބަކީ މީގައި ހިމެނޭ ކާރބްސް ގެ ސަބަބުން އަނެއް ދުވަހުގެ ކަސްރަތު ސެޝަނަށް މީހާ ވަރު ޖައްސައިދޭތީ އެވެ. އަދި ޕީނަޓު ބަޓަރުގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން މަސްތަކުގެ ދުޅަހެޔޮކަން އިތުރު ކޮށްދެ އެވެ.

ހަނދާން ގަދަ ކޮށްދޭ

ޕީނަޓު ބަޓަރުގައި ހިމެނޭ ވިޓަމިން އީ، ޒިންކް، މެގްނީސިއަމް އަދި ނައިސިން ގެ ސަބަބުން ސިކުނޑީގެ ހަރަކާތްތައް އިތުރުކޮށްދީ ހަނދާން ގަދަކޮށްދެ އެވެ. އަދި ދިރާސާތަކުން ދައްކާގޮތުގައި މިއީ ސިކުނޑީގެ ބައްޔެއްކަމަށްވާ އަލްޒައިމަސްގެ މައްސަލަ ހުންނަ މީހުންނަށް ރަަނގަޅު ފަރުވާ އެކެވެ.