އާންމު ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ހަމަނުޖެހުން ނުހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

އެޗްއާރްސީއެމުން މިކަމަށް ގޮވައިލީ، އައިޖީއެމްއެޗް ތެރޭގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނާއި، ފުލުހުންނާއި މެދުގައި ހަމަނުޖެހުން ހިނގުމާ ގުޅިގެންނެވެ.

ރާއްޖޭގައި ކުރިއަށްގެންދާ އެކިކަހަލަ އެއްވުންތައް މޮނިޓާ ކުރާ އުސޫލުން މޮނިޓާކުރަމުން ގެންދާ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފަ އެވެ.

އެޗްއާރްސީއެމުން ބުނީ އެ މައްސަލައާއި ގުޅިގެން އެކޮމިޝަނުން މައްސަލައާއި ގުޅުންހުރި ފަރާތާ ބައްދަލުކޮށް ހާލު ބަލާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން އެ މައްސަލަ ބަލަމުން ގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮންމެ ރައްޔިތަކަށް ވެސް ސުލްހަވެރިކަމާއެކު ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަކަން ފާހަގަކޮށް، އެޗްއާރްސީއެމުން ވަނީ ކޮވިޑުގެ މިފަދަ ދަނޑިވަޅެއްގައި ހޮސްޕިޓަލާއި އެނޫންވެސް އާންމު ހިދުމަތްދޭ ތަންތަނުގައި އެކަންކަން އެންމެ ނޭދެވޭ ގޮތަށް ނުކުރުމަށް ގޮވާލާފަ އެވެ.

އެޗްއާރްސީއެމުން ބުނީ އެކަން ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ސުލްހަވެރިކަމާއެކު ކަމަށެވެ.