ކޮވިޑް-19 އަށް ފަރުވާހޯދަމުން ދަނިކޮށް ޒުވާނަކު ނިޔާވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް ނިޔާވީ އުމުރުން 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.

ސ. ފޭދޫ ހެލްތު ސެންޓަރުން ފަރުވާދެމުން ގެންދަނިކޮށް އޭނާ ނިޔާވީ އިއްޔެގެ ވަގުތެއްގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިން މަރުވި މީހުންގެ އަދަދު ވަނީ 265 އަށް އަރާފަ އެވެ. މިބަލީގައި އެންމެ ފަހުން ރާއްޖެއިން ނިޔާވެފައި ވަނީ މިމަހުގެ ހަވަނަ ދުވަހުގަ އެވެ.

އައިޖީއެމްއެޗްގެ އެމެޖެންސީ ޔުނިޓްގައި ކޮވިޑަށް ފަރުވާހޯދަމުން ގެންދަނިކޮށް މަރުވީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން މިހާތަނަށް 101،418 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 95،259 މީހަކު ބަލިން ރަނގަޅު ވެފައިވެ އެވެ. އަދި 22 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.