އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހުގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ދިވެހި ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހުމާނުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ ގްރޭސް ނަމަކަށް ކިޔާ ނަރުސް މަރާލި ކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ އޭނާގެ ފިރިމީހާ އުމުރުން 29 އަހަރުގެ މާވިން ހައްޔަރުކޮށްފައިވާއިރު، އެއަށްފަހު މި މައްސަލައާއި ގުޅިގެން ހައްޔަރުކުރީ ލަމްހާ އެވެ.

މި މައްސަލާގައި ލަމްހާ ހައްޔަރުކޮށް މީގެ ކުރިން އޭނާގެ ބަންދަށް ކޯޓުން ވަނީ ދެފަހަރުމަތިން 15 ދުވަސް ޖަހާފަ އެވެ.

މި މުއްދަތު ހަމަވުމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ ލަމްހާގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް ދީފަ އެވެ.

މި މައްސަލައިގައި ލަމްހާއަށް ތިން ދައުވާއެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ އިތުރުން، ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަންކަމުގައި ހުއްދަ ނުހޯދާ ކުށް ހިމެނެ އެވެ.

ލަމްހާއަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ، ހަ އަހަރަށް ޖަލަށް ލުމަށް ހުކުމްކުރާނެ އެވެ.