މިއަހަރުގެ ނަފްސާނީ ދުޅަހެޔޮ ކަމާއި ބެހޭ ދުވަހު ސޯޝަލް މީޑިއާއަށް ކުރި ޕޯސްޓެއްގައި، އީރާ ހާން ވަނީ އޭނާއަކީ ޑިޕްރެޝަނަށް ފަރުވާ ހޯދަމުން އަންނަ މީހެއްކަން ހާމަކޮށްފަ އެވެ.
އާމިރު ހާންގެ ދަރިފުޅު މިފަދަ އެއްޗެއް ބުނުމުން އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ އެކަމާ ބެހޭގޮތުން ހިޔާލު ފާޅު ކުރަމުން ނެވެ.
އެއްބަޔަކު މިކަމުގައި ހިތްވަރު ދެމުންދާއިރު، އަނެއް ބަޔެއްގެ ކޮމެންޓްސް އާއި ސުވާލުތައް އަންނަ ގޮތް ތަފާތު ކަމުގައި އީރާ ބުނެފި އެވެ. ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭގޮތުން އެންމެންނަށް ވެސް ވާހަކަ ދެއްކޭނެ ޕްލެޓްފޯމެއް އެކުލަވާލުމުގެ އަޒުމުގައި ދާދި ފަހުން ކުރި ޕޯސްޓެއްގައި، އީރާ ބުނެފައިވަނީ ޑިޕްރެޝަނާއި ކުރިމަތިލާން އޭނާއަށް މީހުންގެ ނަސޭހަތް މުހިންމު ނޫން ކަމަށެވެ.
އެކަމުގައި ސިއްހީ މާހިރުން ސާބިތުވެ ތިބިކަން ފާހަގަ ކުރަމުން އީރާ ބުނެފައިވަނީ މިދަތުރުގެ މައުލޫމާތު މީހުންނާ ހިއްސާކޮށް, މީހުން އަހުލުވެރި ކުރުވުމަކީ އޭނާގެ މަގްސަދު ކަމަށެވެ. އެގޮތުން އޭނާ ބޭނުންވަނީ ހިތުގައި އުފެދޭ ކޮންމެ ސުވާލެއް ވެސް ޖެހިލުމެއްނެތި ކުރެވޭނެ މާހައުލެއް އުފެއްދުމަށް ކަމުގައި އީރާ ބުންޏެވެ.
އެންމެންގެ ކޮމެންޓުތައް ކިޔާނެ ކަމުގެ ޔަގީންކަން ދެމުން އީރާ ވަނީ އެހެން މީހުން ހިތަަށް އަރާނެ އެއްޗެއްސަށް ވިސްނުމެއްނެތި ސުވާލެއް އުފެދޭ ކަމެއް އޮތް ނަމަ އޮޅުންފިލުވަމުން ގެންދިއުމަށް އެދިފަ އެވެ. އެއީ ގިނަ މީހުން އިއްތިފާގުވާ ގޮތާ ހިލާފަށް އޮތް ކަމެއް ކަމުގައި ވީ ނަމަވެސް މެ އެވެ.
އީރާ ހާން ޑިޕްރެޝަނަށް ފަރުވާ ހޯދަމުންދާކަން އިއުލާންކުރި ވީޑިއޯއަށް ބޮލީވުޑް ތަރި ކަންގަނާ ރަނައުޓް ވެސް ވަނީ ކޮމެންޓު ކޮށްފަ އެެވެ. އެ ކޮމެންޓުގައި އޭނާ ފާހަަގަކޮށްފައިވަނީ ޑިޕްރެޝަން ފަދަ ބަލިތައް އަށަގަންނަ ބައިވަރު ސަބަބުތައް ހުންނައިރު، އާއިލާ ރޫޅުމަކީ ވެސް ބޮޑުވަމުން އަންނަ ކުދިންނަށް ތަކުލީފުތަކެއް އުފުލަން ޖެހޭ ޑިޕްރެޝަނަށް މަގުފަހިވާ ކަމެއް ކަމަށެވެ. އެހެންކަމުން އާއިލީ ގުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ކަންގަނާ ވަނީ ފާހަގަ ކޮށްފަ އެވެ.
ކަންގަނާގެ ކޮމެންޓަށް ރައްދު ދެމުން، އެންމެ ފަހުން އީރާ ޝާއިރު ކުރި ވީޑިއޯގައި ބުނެފައިވަނީ އޭނާ ކުޑައިރު މައިބަފައިން ވަކިވި ކަމުގައި ވިޔަސް، އޭނާއަށް އެކަމުން ނޭދެވޭ އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. އެއީ ވަކިވި ފަހުންވެސް މައިބަފައިންގެ ރަހުމަތްތެރިކަން ދެމިއޮތް ކަމަށާއި އެ މީހުންގެ އާއިލީ ގުޅުމަށް އެއްވެސް ބުރުލެއް ނޭރުމުން ކަމުގައި އީރާ ވަނީ ބުނެފަ އެވެ.