އދ. ދަނގެތީގައި ރަހުމުކުޑަ ގޮތަކަށް ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލީ ޝައިތޯނާ ބޮލަށް ވަދެގެންކަމަށް އޭނާގެ ގާތިލު ޝާ އަލޮމް މިއާ (ސާލިމް) ބުނެފި އެވެ.

ތަރުޖަމާނެއްގެ އެހީގައި މިއަދު ބޭއްވި އަޑުއެހުމުގައި ސާލިމް ވަނީ އަނެއްކާ ވެސް އެ ކުށަށް އިއުތިރާފުވެފަ އެވެ. އަދި ކުށް ކުރެވުނީތީ މައާފަށް އެދި، ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އޭގެ އިތުރުން މިއަދު ބޭއްވި ޝަރީއަތުގައި، ސާލިމް ވަނީ އޭނާއަށް ލިބޭ އަދަބު ކުޑަކޮށްދިނުމަށް އެއްބަސްވުމެއް ހަދަން އެދިފަ އެވެ.

ނަމަވެސް އޭނާގެ ކުށް ކުޑަކޮށްދިނުމާ މެދުގައި މަހުމޫދުގެ ވާރިސުން ދެކޮޅުހަދާފައިވާއިރު، އެ މީހުން އެދުނީ ސާލިމަށް، މަރަށް މަރުގެ ހުކުމް ތަންފީޒުކޮށްދިނުމަށެވެ.

ސާލިމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވެ އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ސާލިމަކީ، އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހަވާލު ކޮށްފައިވާ މީހެއް ނަމަވެސް، ގަވާއިދާ ހިލާފަށް ރާއްޖެ އައިސްގެން އުޅޭ ބިދޭސީއެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މަހުމޫދު މަރާލި ގޮތް ފުލުހުންނަށް ސާލިމް ކިޔައިދީފައިވާއިރު، މަހުމޫދު މަރާލީ އޭނާ އުޅޭ ގެއަށް ގެންދިއުމަށްފަހު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި މިކަން ހިނގީ، އޭނާ އަތުން ފައިސާ ހޯދުމަށް އުޅުމުގެ ތެރޭގައި ކަމަށާއި، މަހުމޫދު ފައިސާ ނުދިނުމުން ހިނގި ކުރިމަތިލުމަކަށް ފަހު ކަމަށް އޭނާ ބުނެ އެވެ.

މަހުމޫދުގެ އެތަން މިތަނަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވާއިރު، މަރާލުމަށްފަހު، މަހުމޫދުގެ ބޮލާއި ފަޔަށް ގޯންޏެއް މަހައި އެންމެ ކައިރީގައި ހުރި ފަޅު ގޭގައިވާ ވަޅަކަށް ވައްޓާލީ ކަމަށް ސާލިމް ކިޔައިދިނެވެ. އަދި މިކަމުގައި އެއްވެސް މީހަކު ބައިވެރިވެފައި ނުވާ ކަމަށާއި، މި ހުރިހާ ކަމެއްވެސް ކުރީ އޭނާ އަމިއްލައަށް ކަން ފުލުހުންނަށް ހާމަވެފައިވެ އެވެ.

މަހުމޫދުގެ ހަށިގަނޑު އިތުރަށް ބަލައި ތަހުގީގުކުރުމުގައި އޭނާގެ ހަށިގަނޑުން އެކި ވަރުވަރުގެ ޒަހަމްތައް ފެނިފައިވެ އެވެ. މީގެ ތެރޭގައި ބޮލަށް ދިން މައިގަނޑު ތިން އަނިޔާއެއް ފެންނަން ހުރި އިރު، މި ހަމަލާތައް ދިނުމަށް ބޭނުންކޮށްފައިވަނީ ހަމައެކަނި އެންމެ ތޫނު ހަތިޔާރެއް ނޫން ކަމަށާއި، އެކި ވައްތަރުގެ ތޫނު އެއްޗިހި ބޭނުންކޮށް މަހުމޫދަށް އަނިޔާ ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މަހުމޫދު މަރާލި މައްސަލަ ފުލުހުންނަށް އޭނާގެ އާއިލާއިން ރިޕޯޓުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގަ އެވެ. އޭނާ ނުފެނި ހޯދަމުން ގެންދަނިކޮށް ފެނިފައިވަނީ އެ ރަށުގައި ހުރި ފަޅު ގޯއްޗެއްގައި ހުރި ވަޅަކަށް ގޯންޏަކަށް ލާފައި އައްސާފައި އޮއްވަ އެވެ.