ވޮޝިންޓަން (18 ޖެނުއަރީ) - ޔޫކްރެއިންއަށް އަސްކަރީ ހަމަލާއެއް ދިނުމުގައި ބެލަރުސްއިން ރަޝިއާއަށް ވާގިވެރިވެ، އެކަމުގައި އެއްވެސް ދައުރެއް އަދާކޮށްފިނަމަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް އެމެރިކާއިން އިންޒާރު ދީފި އެވެ.
ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން ބެލަރުސްގައި އަސްކަރީ ތަމްރީނުތައް ހޯދަމުން އަންނައިރު އެކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައިވެ އެވެ.
"މި ހަރަކާތްތަކަކީ އަސްކަރީ އެއްބަސްވުމެއްގެ ދަށުން ހިނގާ ހަރަކާތްތަކެއް ކަމަށް ބެލެވޭ. މިއީ ކަންބޮޑުވާންޖެހޭ ކަމެއް،" ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މީޑިއާއަށް މައުލޫމާތު ދިން އޮފިޝަލަކު ބުންޏެވެ.
އޭނާ އިތުރަށް ވިދާޅުވީ އެދެގައުމުގެ މެދުގައި ހިނގަމުން އަންނަ އަސްކަރީ މުއާމަލާތްތަކަކީ ޔޫކްރެއިން އަށް ދީފާނެ ހަމަލާއަކަށް ކުރެވޭ ޝައްކު އިތުރަށް ވަރުގަދަ ކޮށްދޭ ކަމެއް ކަމަށެވެ.
އެމެރިކާއިން ބުނާ ގޮތުގައި ރަޝިއާގެ 10،000 އަށްވުރެ ގިނަ ސިފައިން ޔޫކްރެއިންއާއި ރަޝިއާ ގުޅޭ ބޯޑަރު ކައިރީގައި ހަރަކާތްތެރި ވަމުން އަންނައިރު އެގައުމުން އަންނަނީ ޔޫކްރެއިން ހިސާރު ކުރުމުގެ ޕްލޭންއެއް ރާވަމުންނެވެ.
އެމެރިކާގެ މިކަންބޮޑުވުންތަކާ ދިމާކޮށް ބެލަރުސްގެ ރައީސް އެލެކްޒެންޑާ ލުކަޗެންކޯ ވަނީ އަންނަ މަހު އެ ގައުމުން ރަޝިއާއާއެކު އަސްކަރީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބުނެފަ އެވެ.
މި މައްސަލާގައި އެމެރިކާގެ ސެކެޓްރަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވަރަށް އަވަހަށް ޔޫކްރެއިންއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ އެވެ. -- އަލް އަރަބިއްޔާ