ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އަށް ވެސް ފުރަތަމަ ކުއްޖާ ލިބިއްޖެކަން އިއްޔެ އިއުލާންކޮށްފި އެވެ.

ޕްރިޔަންކާ އާއި ނިކް އިންޑިއާގެ ރާޖަސްތާނުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ކައިވެނިކޮށްފައިވާއިރު، ދާދި ފަހުން އެ ދެމީހުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައި ވަރިވާން އުޅޭކަމުގެ ހަބަރުތަކެއް ފެތުރިފައިވެ އެވެ.

އެ ވާހަކަތަކަށް ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ރައްދުދީ، ދޮގުކޮށްފައިވާއިރު، މިކަން ހާމަކޮށްދޭ އެންމެ ބޮޑު އެއް ހެއްކަކީ، ޕްރިޔަންކާ އާއި ނިކް ދަރިއަކު ލިބުނުކަން އިއުލާންކުރުމެވެ.

މިހަބަރު އެދެފަންނާނުން އާންމުންނަށް ހިއްސާކޮށް ކަށަވަރުކޮށްދީފައި ވަނީ އެދެފަންނާނުންގެ އިންސްޓަގްރާމުންނެވެ. އެގޮތުން ސަރޮގެސީ މެދުވެރިކޮށް ދެ ފަންނާނުން ވެސް ފުރަތަމަ ދަރިފުޅަށް އިއްޔެ މަރުހަބާ ކިޔާފައިވާ ކަމަށާއި، މިދަނޑިވަޅުގައި މީޑިއާތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް އެ ދެ މީހުން ވަނީ އެދިފަ އެވެ.

https://www.instagram.com/p/CZAJvizvjf4/

މިހަބަރާއެކު ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ޕްރިޔަންކާ އާއި ނިކްއަށް މަރުހަބާ ކިޔާފަ އެވެ.

ޕްރިޔަންކާގެ އިތުރުން ވެސް ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ސެރޮގެސީ މެދުވެރިކޮށް ދަރިން ހޯދާފަ އެވެ. އޭގެ ތެރޭގައި ޝާހުރުކް ޚާންއާއި، ކަރަން ޖޯހަރާއި، ޝިޕްލާ ޝޭޓީގެ އިތުރުން އާމިރް ޚާން އާއި، ސޮހެއިލް ޚާން އާއި ފަރާ ޚާން ވެސް ހިމެނެ އެވެ.