ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ދަރިކަނބަލުން ލައިބާ އަހްމަދު މަހްލޫފް އަދި އަބިކަނބަލުން ނަޒްރާ ނަސީމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ ނަޒްރާ ޓުވިޓާގައި ކުރި ޕޯސްޓެއްގައި ވަނީ، ނަޒްރާ އާއި އޭނާގެ ދަރިފުޅު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި ބަލި ހާލަތުން އަރައިގަނެ ދުޅަހެޔޮ ސިއްހަތަކަށް އެދޭ ކަމަށް އެ ޕޯސްޓުގައި ނަޒްރާ ބުނެފައިވެ އެވެ.

މަހުލޫފުގެ އާއިލާ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މަހުލޫފު ވަނީ ރ. އަލިފުށީގައި ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ބައިވެރިވެގަތުމަށް އެ ރަށަށް ވަޑައިގެންފަ އެވެ.

ޔޫތު މިނިސްޓަރު މަހުލޫފްގެ އަނބިކަނބަލުންނަކީ ނައިބު ރައީސް ފައިސަލްގެ ޕާސަނަލް ސެކްރެޓަރީ ނުވަތަ ޗީފް އެގްޒެކެޓިވް ޓު ވައިސް ޕްރެޒިޑެންޓް އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވަމުންދާއިރު، މިހާތަނަށް 117،461 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ތެރެއިން 102،542 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 47 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.