ޓައިގާ ޝްރޮފްގެ އާ އެކްޝަން ފިލްމު"ގަނާޕަތު"ގެ ޓީޒާއެއް ފޭނުންނަށް ދައްކާލައިފި އެވެ.

ޓައިގާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި މިޓީޒާ ދައްކާލަމުން ޓައިގާ ބުނެފައި ވަނީ "ގަނާޕަތު" އަކީ އޭނާއަށް ހާއްސަ ފިލްމެއް ކަމަށާ އެ ހާއްސަކަން ބެލުންތެރިން ވެސް އޭނާއާއެކު ހިއްސާކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި މުނިފޫހި ފިލުވައިދޭނެ އެކްޝަން މަންޒަރުތައް ހިމެނޭ މި ފިލްމަށް ތައްޔާރުވެ ތިބުމަށް ޓައިގާ ވަނީ އެދިފަ އެވެ.

https://www.instagram.com/p/CHNA4r4nK2d/?utm_source=ig_embed

ގަނާޕަތު ޕާޓް 1ގެ ގޮތުގައި ފާހަގަކޮށްފައިވާ ޓީޒާއިން ފެންނަ ގޮތުގައި ފުރަގަހަށް އެނބުރި، ޓައިގާ ހުއްޓިގެން ހުންނަނީ އަނދަމުންދާ ތަނެއްގަ އެވެ. ޓީޒާއަށް އަޅާފައިވާ އަޑު ކޮޅުގައި ޓައިގާ ބުނެފައިވަނީ "ބިރުގަތުމުން، ވަރަށް ތަންތާ ޖެހޭ" ކަމަށެވެ.

ވިކާސް ބާލް ޑައިރެކްޓުކުރާ މި ފިލްމް ޕްރޮޑިއުސްކުރުމަށް ހަމަޖެހިފައި ވަނީ ވާޝޫ ބަގްނާނީ، ދީޕްޝިކާ ދެޝްމުކް އަދި ޖެކީ ބަގްނާނީ ގުޅިގެންނެވެ. އަދި މި އެކްޝަން ތްރިލާ ފިލްމް ޝޫޓްކުރުމުގެ މަސައްކަތް ވަރަށް އަވަހާ ފަށާނެކަމަށް ޓައިގާ ވަނީ ޔަގީންކޮށްދީފަ އެވެ. އެހެންކަމުން މި ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނީ 2022 ގައި ކަމަށް ބެލެވެ އެވެ.

2014 ގައި ފިލްމީ ދާއިރާއަށް ނުކުމެފައިވާ ޓައިގާ އެންމެ ފަހުން ފެނިފައިވަނީ ބާގީ 3 އިން، ޝްރަދާ ކަޕޫރު އާއި ރިތޭޝް ދޭޝްމުކް އަދި އަންކިތާ ލޮކާންޑޭއާ އެކު އެވެ. އޭނާގެ ކުރިއަށް ހުރި މަސައްކަތް ތަކުގެ ތެރޭގައި ހީރޯޕަތީ 2 އަދި ބާގީ 4 ހިމެނެ އެވެ.