މިޝިގަން ސްޓޭޓްގައި ވޯޓު ގުނުން ހުއްޓުވުމަށް އެދި ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކެމްޕެއިނުން ހުށައެޅުއްވި މައްސަލަ އެ ސްޓޭޓްގެ ކޯޓުން ބޭރުކޮށްލައިފި އެވެ.

ޖަޖް ސިންތިއާ ސްޓެފަންސް ވިދާޅުވެފައިވާ ގޮތުގައި މި މައްސަލަ ހުށައަޅާފައި ވަނީ ވޯޓު ގުނާ ނިމެން ދެތިން ގަޑިއިރަށް ވެފައިވަނިކޮށް ކަމުން މާބޮޑަށް ވެސް ވަގުތު ވަނީ ފާއިތުވެފަ އެވެ.

އަދި މި ލޯސޫޓު ހުށައަޅާފައި ވަނީ ވޯޓު ގުނުމާއި ބެހޭ ވެސް މީހަކަށް ނުވާ، އެ ސްޓޭޓްގެ ގަވަނަރާ ދެކޮޅަށެވެ. އިންތިޚާބުގެ ވޯޓު ލުން ހުއްޓުވުމުގެ އެއްވެސް ބާރެއް ގަވަރުނަރަށް ލިބިގެނެއް ނުވެ އެވެ.

ޓްރަމްޕްގެ ކެމްޕެއިން ޓީމުން މަސައްކަތް ކުރަމުން ދަނީ ރިޕަބްލިކަންގެ އޮބްޒާވަރުން ވޯޓު ގުނާތަން އޮބްޒާވް ކުރަން ދެވެން ދެން ވޯޓު ގުނުން މަޑުޖައްސާލުމަށެވެ.

އެމެރިކާގެ އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ޓްރަމްޕަށް ލިބިފައި ވަނީ 214 އިލެކްޓޯރަލް ވޯޓެވެ. އަދި ޕޮޕިއުލާ ވޯޓުގެ ގޮތުގައި 69,375,296 މިލިއަން ވޯޓެވެ. ޑިމޮކްރެޓިކް ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑެން ވަނީ 264 އިލެކްޓޯރަލް ވޯޓު ހޯދައިފަ އެވެ. އަދި ޕޮޕިއުލާ ވޯޓުގެ ގޮތުގައި 73,130,549 މިލިއަން ވޯޓު ހޯދާފައިވެ އެވެ.