އދ. ދަނގެތީގައި ރަހުމުކުޑަ ގޮތަކަށް ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ޝާ އަލޮމް މިއާ (ސާލިމް)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

ސާލިމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވެ އެވެ. މި ދެދައުވާއަށްވެސް ސާލިމް ވަނީ އެއްބަސްވެފަ އެވެ. އަދި ކުށް ކުރެވުނީތީ މައާފަށް އެދި، ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށް ޝަރީއަތުގައި އޭނާ ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބާއްވާފައި ވަނީ މަހުމޫދު މަރައިލި މައްސަލައިގެ އަވަސް ނިޔާގެ އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ވެސް ސާލިމަށް ކޮށްފައިވާ ދައުވާތަކަށް އިއުތިރާފު ދަމަހައްޓާފައިވެ އެވެ.

މަހުމޫދު މަރާލި ގޮތް ފުލުހުންނަށް ސާލިމް ކިޔައިދީފައިވާއިރު، މަހުމޫދު މަރާލީ އޭނާ އުޅޭ ގެއަށް ގެންދިއުމަށްފަހު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި މިކަން ހިނގީ، އޭނާ އަތުން ފައިސާ ހޯދުމަށް އުޅުމުގެ ތެރޭގައި ކަމަށާއި، މަހުމޫދު ފައިސާ ނުދިނުމުން ހިނގި ކުރިމަތިލުމަކަށް ފަހު ކަމަށް އޭނާ ބުނެ އެވެ.

މަހުމޫދުގެ އެތަން މިތަނަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވާއިރު، މަރާލުމަށްފަހު، މަހުމޫދުގެ ބޮލާއި ފަޔަށް ގޯންޏެއް މަހައި އެންމެ ކައިރީގައި ހުރި ފަޅު ގޭގައިވާ ވަޅަކަށް ވައްޓާލީ ކަމަށް ސާލިމް ކިޔައިދިނެވެ. އަދި މިކަމުގައި އެއްވެސް މީހަކު ބައިވެރިވެފައި ނުވާ ކަމަށާއި، މި ހުރިހާ ކަމެއްވެސް ކުރީ އޭނާ އަމިއްލައަށް ކަން ފުލުހުންނަށް ހާމަވެފައިވެ އެވެ.

މަހުމޫދުގެ ހަށިގަނޑު އިތުރަށް ބަލައި ތަހުގީގުކުރުމުގައި އޭނާގެ ހަށިގަނޑުން އެކި ވަރުވަރުގެ ޒަހަމްތައް ފެނިފައިވެ އެވެ. މީގެ ތެރޭގައި ބޮލަށް ދިން މައިގަނޑު ތިން އަނިޔާއެއް ފެންނަން ހުރި އިރު، މި ހަމަލާތައް ދިނުމަށް ބޭނުންކޮށްފައިވަނީ ހަމައެކަނި އެންމެ ތޫނު ހަތިޔާރެއް ނޫން ކަމަށާއި، އެކި ވައްތަރުގެ ތޫނު އެއްޗިހި ބޭނުންކޮށް މަހުމޫދަށް އަނިޔާ ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މަހުމޫދު މަރާލި މައްސަލަ ފުލުހުންނަށް އޭނާގެ އާއިލާއިން ރިޕޯޓުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގަ އެވެ. އޭނާ ނުފެނި ހޯދަމުން ގެންދަނިކޮށް ފެނިފައިވަނީ އެ ރަށުގައި ހުރި ފަޅު ގޯއްޗެއްގައި ހުރި ވަޅަކަށް ގޯންޏަކަށް ލާފައި އައްސާފައި އޮއްވަ އެވެ.