ކޮވިޑް-19 ގެ ފުރަތަަމަ ރާޅާއި ކާމިޔާބުކަމާއެކު ހަނގުރާމަ ކުރެވުނު މަދު ގައުމުތަކުގެ ތެރޭގައި ވިއެޓްނާމް ހިމެނެ އެވެ.

އޭގެ ފަހުން ދެވަނަ ރާޅުގެ އިންފެކްޝަންގެ ގޮތުގައި މަދު މަދުން ކޭސް ފެނުނު ނަމަވެސް އެ އަދަދުތައް ވެސް އޮތީ ކޮންޓްރޯލް ކުރެވިފަ އެވެ.

އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހާ ހަމައަށް ބެލިއިރު، އެ ގައުމުން ރިޕޯޓުކުރި ކޭސްތަކުގެ ޖުމްލަ އަދަދަކީ 1،148 އެވެ. އަދި އޭރު އާ ޑޮމެސްޓިކް ކޭސްއެއް ނުފެންނަތާ ހަތް ހަފްތާ ވީ އެވެ.

ވިއެޓްނާމް ވަނީ ކޮވިޑް-19 ފެތުރެން ފެށުމުން އެހެން ގައުމުުތަކާއި އެއްގޮތަށް އަވަހަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެންގުތަކާ އެއްގޮތަށް އަމަލުކުރަން ފަށާފަ އެވެ. އެގޮތުން ބަލި ޖެހޭ މީހުން އައިސޮލޭޓް ކޮށް، ކޮންޓެކްޓް ޓްރޭސިން އާއި ކަރަންޓީނުކުރުން އަދި ބޭރު ގައުމުތަކުން މީހުން އެތެރެވުން ހުއްޓުވުން ހިމެނެ އެވެ.

އެހެން ގައުތަކާ ވިއެޓްނާމް ތަފާތުވާ ތަންކޮޅަކީ މާސްކު އަޅުން އާދައަކަށް ހެދުން އަވަސް ކަމެވެ.

މި ޕެންޑެމިކްގެ ކުރީކޮޅު ޑަބްލިއުއެޗްއޯ އިން ވެސް އާބާދީގެ އެންމެން މާސްކު އެޅުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި ނުދެކެ އެވެ. އެހެން ނަމަވެސް ޖޫން މަހުގެ 5 ވަނަ ދުވަހު ވަނީ ގައިޑްލައިން އަޕްޑޭޓް ކޮށްފަ އެވެ.

އޭރުވެސް އާންމު ތަންތަނުގައި މާސްކު އެޅުމަކީ މީގެ ކުރިން ވެސް ވިއެޓްނާމްގައި އާންމު ކަމެކެވެ. އެގޮތުން ވައި ނުސާފުކަމާއި އަވިން ސަލާމަތްވާން ވެސް މީހުން މާސްކު އަޅައި އުޅުނެވެ. މި ޕެންޑެމިކާއެކު ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އާންމު ދަތުރުފަތުރުތަކާއި ސުޕަމާކެޓް އަދި މާޗް 15 އިން ފެށިގެން އެއާޕޯޓު ފަދަ ތަންތާ މާސްކު އެޅުން ވިއެޓްނާމުން މަޖުބޫރުކުރި އެވެ.

މާސްކު ނާޅަ އުޅޭކަން ފާހަގަކުރެވިއްޖެ ނަމަ އެމީހަކު 13 ޑޮލަރުން ޖުރިމަނާ ވެސް ކުރެ އެވެ. އެ ގައުމުގައި އިޖުތިމާއީ ގައިދުރު ކުރުމުގެ އަމުރުުތަކަށް އެޕްރީލް 23 އިން ފެށިގެން ލުއި ދީފައިވީ ނަމަވެސް މާސްކު އެޅުމާއި އަތް ދޮވުމަކީ މަޖުބޫރު ކަންކަމެވެ.

މާސްކު އެޅުމަކީ މި ބަލީގެ އެންމެ ނުރައްކާތެރި ކަންތައް ކަމަށްވާ ގައިން ގަޔަށް އެރުމުން ތިމާ އާއި އެހެން މީހުން ސަލާމަތްކޮށްދޭ އެއްޗެކެވެ. އެގޮތުން ބަލި ޖެހިފައި ހުންނަކަން ނޭނގި މިދާ އެއް ދުވަހުގެ އިންކކިއުބޭޝަން ޕީރިއަޑްގައި ވެސް ނޭނގި އެހެން މީހަކަށް ބަލި ފޯރުކޮށްދެވިދާނެ އެވެ. އަދި ބަލީގެ އަލާމާތެއް ނުފެނި ބަލި ޖެހޭ މީހުން ވެސް އުޅެ އެވެ.

އެހެން ކަމުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވެން އޮތް އެންމެ މުހިއްމު ކަމަކީ މާސްކު އެޅުމެވެ.