ރާއްޖެއާއެކު ގުޅުން ބަދަހިކޮށް އެއްބަސްވުންތަކެއްގައި ސޮއިކުރަން ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވުޝޯލޫ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހަވީރު ރާއްޖެ ވަޑައިގެންފި އެވެ.

މިނިސްޓަރު މެވްލުތުގެ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މެވްލުތް ޗަވުޝޯލޫ އަށް މަރުހަބާ ދެންނެވީ މިނިސްޓަރު ޝާހިދު އެވެ.

ތުރުކީގެ މިނިސްޓަރު މެވްލުތު ރާއްޖެއަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމަށް ފަސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތުރުކީގެ މިނިސްޓަރުގެ ދަތުރުފުޅުގައި ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ބާއްވަވާ ރަސްމީ މަޝްވަރާތައް އޮންނާނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ. އަދި އެ މަޝްވަރާތަކަށްފަހު ދެ ގައުމުގެ ދެމެދު ފަސް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުން އެކުލަވާލާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވުޝޯލޫ މިއަދު ރާއްޖެ ވަޑައިގެން ފޮރިން މިނިސްޓަރު ޝާހިދާ ބައްދަލުކުރައްވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ދެ ގައުމުގެ ދެމެދު އެކުލަވާލާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރިއާއި އެނޫންވެސް ދާއިރާތައް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ތުރުކީގެ ތުރުކީގެ މިނިސްޓަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާވެސް ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ދަޢުވަތަކަށް މިދިޔަމަހު ވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ވެސް ރާއްޖެއަށް ވަޑައިގެންފަ އެވެ.