ކޮވިޑް ފެތުރެމުންދާތީ މާފުށީ ޖަލުގައި ތިބި ބައެއް ގައިދީން ގެއަށް ބަދަލުކޮށްފި އެވެ.

ގިނަ އަދަދެއްގެ އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޖަލު ކުއްލި ހާލަތަށް ގެނައީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ކަރެކްޝަނުން ބުނިގޮތުގައި މާފުށި ޖަލުން 137 ގައިދީއަކު ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި 66 މީހަކު އެބަތިއްބެވެ. އަދި މަސައްކަތް ކުރާ އޮފިސަރުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ.

ކަރެކްޝަނުން ބުނީ، ގެއަށް ބަދަލުކުރި ގައިދީންތަކުގެ ތެރޭގައި ހިމެނެނީ ހައި ރިސްކް ގައިދީން ކަމަށެވެ. އަދި އިތުރު ގައިދީން ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.

ގައިދީންތަކުގެ ތެރެއިން ގެއަށް ބަދަލުކޮށްފައި ވަނީ ކިހާ އަދަދެއްގެ ގައިދީންނެއް ކަމެއް ކަރެކްޝަނުން ނުބުނެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މިވަގުތު ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ވެސް ފެނިފައިވާއިރު، ރާއްޖޭގައި ވެސް ކޮވިޑް ޖެހޭ އަދަދުތައް ވަނީ ވަރަށް މަތިވެފަ އެވެ.

އޭގެ އިތުރުން ރާއްޖޭގައި ދުވަހެއް ދުވަހަކަށް ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުންދަނީ، އޮމިކްރޯންގެ ސަބަބުން ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވަނީ ވިދާޅުވެފަ އެވެ.