ވޫހާން (29 ޖެނުއަރީ) - ދެކުނު އެފްރިކާގައި އުޅޭ ވާލުގެ ވައްތަރަކުން ފެތުރޭ ކޮރޯނާ ވައިރަސްގެ ވައްތަރަކާއެކު އިންސާނީ ނަސްލަށް އަނެއްކާ ވެސް ޕެންޑަމިކެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ވޫހާންގެ ސައިންސްވެރިން ދީފި އެވެ.

ވޫހާންގެ ސައިންސްވެރިން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން އަލަށް ފެނުނު ނިއޯކޮވް ވައިރަސްއަކީ މީގެ ކުރިން ސައޫދީ އަރަބިއާއިން ފެނުނު މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އާ ދާދި އެއް ސިފަތަކެއް ލިބިގެންވާ ވައިރަސް އެކެވެ.

ކޮރޯނާ ވައިރަސްތަކަކީ އާދައިގެ އަރިދަފުސް ރޯގާއިން ފެށިގެން ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ފަދަ ބަލިތައް އެކުލެވޭ ވައިރަސް އެކެވެ. މުޅި ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް 19ގެ ވޭރިއަންޓްތަކަކީ ވެސް ކޮރޯނާ ވައިރަސްގެ ބާވަތެކެވެ.

ވޫހާން ޔުނިވާސިޓީގެ ޗައިނީސް އެކަޑަމީ އޮފް ސައިންސަސްގެ ސައިންސްވެރިން ހޯދާފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި މިވަގުތު ނިއޯކޮވް ފެތުރެމުން ދަނީ ހަމައެކަނި ޖަނަވާރުންގެ މެދުގަ އެވެ. ނަމަވެސް މި ވައިރަސް މިއުޓޭޓް ވެގެން އިންސާނުންގެ މެދުގައި ފެތުރެން ފެށުން ގާތް ކަމަށް ސައިންސްވެރިން ބުނެ އެވެ.

ދިރާސާކުރި ފަރާތްތަކުން އިތުރަށް ފާހަގަކުރި ގޮތުގައި ނިއޯކޮވްގެ މިއުޓޭޝަންތަކަކީ ހަލުވި ކަމާއެކު ފެތުރޭ ނުރައްކާތެރި ވައިރަހަކަށް ވެފައި ބަލި ޖެހޭ ކޮންމެ ތިން މީހަކު އެކަކު މަރުވުން އެކަށީގެންވެ އެވެ.

ކޮވިޑްގެ އެކި ވޭރިއަންޓްތަކުން މުޅި ދުނިޔެ އަރައިނުގަނެވިގެން އުޅެނިކޮށް މި ފެނުނު އާ ވައިރަސްއާއެކު އުފެދިދާނެ ޕެންޑަމިކްއެއްގެ ކަންބޮޑުވުން ސައިންސްވެރިން ދަނީ ފާޅު ކުރަމުންނެވެ. -- އެންޑީޓީވީ