އަންނަ ހޮނިހިރު ދުވަހު ބާއްވާ ށ. ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާންކުރުން މާލެއަށް ބަދަލުކޮށްފި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާން ކުރާ ގޮތަށް ކުރިން ހަމަޖައްސާފައި ވަނީ ކޮމަންޑޫގަ އެވެ. ނަމަވެސް ވަގުތީ ނަތީޖާ އިއުލާންކުރުން މާލެއަށް ބަދަލުކޮށްފައިވަނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ މާލޭގައި އިންތިޚާބުގެ ނަތީޖާ އިއުލާންކުރުން ކަމަށް ވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ކޮމިޝަނުން ކުރިން ނިންމާފައި އޮތީ ކޮމަންޑޫގައި މި އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަން ނަމަވެސް، މާލެއަށް ނަތީޖާ އިއުލާން ކުރުން ބަދަލުކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން އެންމެ ރައްކާތެރި ގޮތަކީ އެއީ ކަމަށް ވާތީ ކަމަށެވެ. މި އިންތިޚާބަށް ކޮމިޝަންގެ މެމްބަރުން ކޮމަންޑޫއަށް ދާން ނިންމި ނަމަވެސް މިހާރު ގައިޑްލައިން ހަމަޖެހިފައިވާ ގޮތުން ރަށްރަށަށް ދަތުރު ކުރުމުގައި ޕީސީއާރު ޓެސްޓް ހަދަންޖެހޭއިރު، ނަތީޖާ ޕޮޒިޓިވް ވެއްޖެނަމަ، މިއީވެސް އިންތިޚާބަށް ކުރިމަތިވެދާނެ ހުރަހެއް ކަމަށް ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދުވަސް ވަރަކީ ހަލުވިކަމާއިއެކު ކޮވިޑް ފެތުރެމުންދާ ދުވަސްވަރަކަށް ވުމުން، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ނަގާފައިވާ އޮފިޝަލުންނާއި، މެމްބަރުން ޕޮޒިޓިވްވެއްޖެނަމަ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށްބަލައި، މާލޭގައި ނަތީޖާ އިއުލާން ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ފުއާދު ވިދާޅުވީ ކޮމަންޑޫ ދާއިރާގައި އެންމެ ގިނަ އަދަދަކަށް މީހުން ރަޖިސްޓްރީ ކޮށްފައިވާ ސަރަހައްދަކީ ވެސް މާލެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު ބާއްވާ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތަކުގެ ވަގުތީ ނަތީޖާ ވެސް މިހާރު އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ މާލޭ އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ވޯޓު ލިބުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓާއެކު، ވޯޓު ލެވޭނެ ފޮށިތައް އެނގޭނެހެން އާންމުކުރި ލިސްޓުގައި މާލެ ސަރަހައްދުގައި އިތުރު ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަނުން ވަނީ ނިންމާފަ އެވެ. މާލެ ސަރަހައްދަށް ފޮއްޓެއް އިތުރުވެފައިވަނީ ރީ-ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ކުރި މީހުންގެ ނިސްބަތަށް ބެލުމަށް ފަހު އެވެ. މި އިންތިޚާބުގައި ޖުމްލަ ހަތް ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ކޮމަންޑުއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3،309 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.