ސަލްމާން ޚާނަށް ފާރަލާ ކަމަށް ދީޕިކާ ޕަޑުކޯން ބުނެފި އެވެ.

މިރޭ އިންޑިއާގެ ކަލާޒް ޓީވީން ގެނެސްދިނުމަށް ހަމަޖެހިފައިވާ ބިގްބޮސް ފިނާލޭގެ ދެވަނަ ދުވަހުގެ ޝޯގައި ދީޕިކާ ފެނިގެންދާއިރު، ސަލްމާނު ވަނީ އޭނާއާ އެކު ޓްރުތް އޯ ޑެއާ ކުޅެފަ އެވެ.

އެގޮތުން ޝޯ ހޯސްޓުކުރަން ހުރެފައި ސަލްމާނު ވަނީ ދީޕިކާ ކައިރީގައި، އޭނާ ސޯޝަލް މީޑިއާގައި ފާރަލަނީ ކޮން ފަންނާނަކާތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބުދެމުން ދީޕިކާ ބުނީ އޭނާ ފާރަލަނީ ސަލްމާނަށް ކަމަށެވެ. އެކަން ޔަގީންކޮށްދިނުމަށް އެދުމުން ދީޕިކާ ބުނީ ސަލްމާނު އެންމެ ފަހުން ދިޔައީ ރިޔާދުގައި ބޭއްވި އެވޯޑް ހަފްލާއަށާއި ޕަންވޭލްއަށް ކަމަށެވެ.

އޭގެ އިތުރުން ދީޕިކާ ވަނީ ދިމާކުރާ ޒާތަކަށް ސަލްމާނު ހުރީ ކާކާ އެކީގައިކަން އެނގޭ ކަމަށް ވެސް ބުނެފަ އެވެ. އަދި އެ މީހެއްގެ މައުލޫމާތު ހާމަކުރަންވީތޯ އެހުމުން ސަލްމާނު ވަނީ ދީޕިކާ ކައިރީގައި ނުބުނުމަށް އެދިފަ އެވެ.

ބިގްބޮސް ފިނާލޭގެ މިރޭގެ ޝޯއިން ދީޕިކާގެ އެންމެ ފަހުގެ ފިލްމު "ގެހެރާއިއާން"ގެ މައި ރޯލުތައް ކުޅުނު ފަންނާނުން ވެސް އައިސްފައިވެ އެވެ. އޭގެ ތެރޭގައި އަނަންޏާ އާއި ދައިރްޔަ ކަރްވާ ވެސް އައިސްފައިވެ އެވެ.