ބޮލީވުޑްގެ މަލްޓި ޓެލެންޓް އެކްޓަރު؛ ފަރުހާން އަހްތަރު ރާއްޖޭގައި ސްކޫބާ ޑައިވް ކުރަމުންދާ މަންޒަރެއް އިންސްޓަގްރާމް ކޮށްފި އެވެ.

ގިނަ ބަޔަކަށް ކަމުގޮސްގެން ކޮމެންޓު ކުރަމުންދާ މި ވީޑިއޯ އަޅާކިޔަމުންދަނީ ފަރުހާން މީގެ ނުވަ އަހަރު ކުރިން ކުޅެފައިވާ "ޒިންދަގީނާ މިލޭންގީ ދޮބާރާ"ގައި ހިމެނޭ މަންޒަރަކާ އެވެ. އެ ފިލްމުގައި ވެސް ސްކޫބާ ޑައިވް ކުރަމުންދާ މަންޒަރު ދައްކާލާފައި ވާއިރު، ފިލްމުގެ އެ މަންޒަރުތައް ނަގާފައިވަނީ ސްޕެއިންގަ އެވެ.

ހިތްގައިމު މިއުޒިކަކާއެކު ކެޕްޝަނަކަށް "ފީޑް ޔޯ ސޯލް" ޖަހާފައި މިކުރި ޕޯސްޓަކީ ކޮން އިރަކު ނަގާފައިވާ ވީޑިއޯއެއް ކަމެއް ފަރުހާން ފާހަގަކޮށްފަ އެއް ނުވެ އެވެ. ނަމަވެސް ފަރުހާންގެ އިންސްޓަގްރާމް ފީޑަކީ އަބަދުވެސް ވަރަށް އެކްޓިވްކޮށް ފެންނަ ފީޑެކެވެ. ވަކިން ހާއްސަކޮށް ބައިވެރިޔާ ޝިބާނީ ޑަންޑޭކަރުއާއެކު ލާ ޕޯސްޓްތައް އާންމު ގޮތެއްގައި ހަބަރުތަކުގެ ފަލަ ސުރުހީއަށް އަރަ އެވެ.

https://www.instagram.com/p/CHPidM2hq0L/

ފަރުހާން އަހުތަރު އެންމެ ފަހުން ފެނިފައިވަނީ ޕްރިޔަންކާ ޗޯޕްރާ އާއި ޒައިރާ ވަސިމް އަދި ރޯހިތް ސަރަފު އާއި އެކު "ސްކައި އިޒް ޕިންކް" މިފިލްމުންނެވެ. މިދިޔަ އަހަރު ނުކުތް މިފިލްމު ވަނީ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ވެސް އަޅުވާފަ އެވެ.

ފަރުހާން ދެން އެންމެ އަވަހަށް ފެންނާނެކަމަށް ބެލެވެނީ ރާކޭޝް އޮމްޕްރަކާޝް މެހެރާ ޑައިރެކްޓު ކުރާ ސްޕޯޓްސް ޑްރާމާ "ތޫފާން" އިން ނެވެ. ރިތޭޝް ސިދްވާނީ އާއި ރާކޭޝް އޮމްޕްރަކާޝް މެހެރާއާއެކު ފަރުހާން ކޯ-ޕްރޮޑިއުސްކުރާ މިފިލްމުގެ މުހިންމު ރޯލަކުން؛ އިންޑިއާގެ މިހާރުގެ މަޖިލިސް މެމްބަރު ޕަރެޝް ރަވާލް ވެސް ފެނިގެންދާނެ ކަމަށްވެ އެވެ. މީގެ އިތުރުން، ޕްރޮޑަކްޝަން ފަޅިން ފަރުހާން ތައްޔާރުވަމުން ދަނީ "ފޯނު ބޫތު" ގެނެސްދިނުމަށެވެ. މިފިލްމުގައި ހިމެނޭ ތަރިންނަކީ ކެޓްރީނާ ކެއިފް، އިޝާން ހައްތާރު، އަދި ސިދާތު ޗަތުރުވެޑީ އެވެ.