ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ބޭއްވުމަށް ނިންމައިފި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބުނީ ތިނަދޫން މީހުން ބޭލި މައްސަލާގައި ހުޅުވާލައިގެންނާއި ހުޅުވާނުލައި ވެސް އަޑުއެހުންތަކެއް ބޭއްވުމަށް ނިންމީ އެ ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިޔަކު ހިންގި ކަމަށް ބުނެ އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ކަމަށެވެ. އަދި މިހާދިސާގައި ހިނގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

އޭގެ އިތުރުން މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުން ވެސް އަޑުއެހުން ބާއްވަން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް ތިނަދޫ އާއި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ތިނަދޫގައި ބާއްވާ އަޑުއެހުންތައް އޮންނާނީ، އަންނަ މާޗު މަހުގެ ތިންވަނަ ދުވަހާއި، ފަސްވަނަ ދުވަހު ކަމަށާއި، މާލޭސިޓީގައި ބާއްވާ އަޑުއެހުންތައް އޮންނާނީ އަންނަ މާޗް މަހުގެ 18 ވަނަ ދުވަހާއި 19 ވަނަ ދުވަހު އެވެ.

މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ ފަރާތްތަކުގެ ނަން ނޯޓުކުރުން މިއަދުން ފެށިގެން މިމަހު 15 ވަނަ ދުވަހާ ދެމެދު ކަމާބެހޭ މައުލޫމާތުތައް އެ އޮފީހާ ހިއްސާ ކުރުމަށް އެދޭ ކަމަށްވެސް ބުނެފައިވެ އެވެ. އެ އޮފީހުގެ ނަންބަރު 7223473 ނަންބަރަށް ގުޅައިގެންނާއި އިންތިގާލީ އިންސާފުގެ އޮފީހަށް އީމެއިލް ކޮށްގެން ވެސް ނަން ނޯޓު ކުރެވޭނެ އެވެ.

ތިނަދޫން މީހުން ބޭލި މައްސަލައިގައި އަޑުއެހުންތަކެއް ކުރިއަށް ގެންދަން އިންތިގާލީ އިންސާފުގެ އޮފީހުން ނިންމާފައި މިވަނީ އެ އޮފީހުގެ ޓީމެއް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ތިނަދޫ އަށް ދަތުރުކޮށް ބައެއް މައުލޫމާތު އެއްކުރުމަށްފަހު އެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި މައްސަލަތަކުގެ ތެރެއިން 449 މައްސަލައެއް ބަލަން ވަނީ ނިންމާފަ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ އެ މައްސަލައެއް ބެލުމެވެ.