ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް 75،000 އަށްވުރެ ގިނަ މީހަކު ޖަހައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަ ދައްކާގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 397،642 މީހަކު ޖަހާއިފައިވެ އެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ ތެރޭގައި 369،883 މީހަކު ހިމެނެ އެވެ.

މިހާތަނަށް ޖުމްލަ 75،884 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެއިން 675 މީހަކު ބޫސްޓާ ޑޯޒް ފުރިހަމަ ކޮށްފައިވާއިރު، އަތޮޅުތެރެއިން 2،384 މީހަކު ވަނީ ބޫސްޓާ ޑޯޒް ފުރިހަމަކޮށްފަ އެވެ. އެގޮތުން އިއްޔެ އެކަނިވެސް 3،059 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވެ އެވެ.

ބޫސްޓާ ޑޯޒް ހަމަކުރާ މީހުން، ކޮވިޑް ޖެހިފައިވާ މީހުންނާއި ޑައިިރެކްޓު ކޮންޓެކްޓް ވެވުނުނަމަވެސް ލުއި ތަކެއް ދޭން ނިންމާފައިވާކަމަށް އެޗްޕީއޭން ވަނީ ބުނެފަ އެވެ.

ކޮވިޑުން ސަލާމަތްވުމަށް ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަނީ ފައިޒާ ވެކްސިން އެވެ. މި ވެކްސިން ޖަހަނީ ދެވަނަ ޑޯޒް ފުރިހަމަކުރާތާ ހަ މަސް ދުވަސް ފަހުންނެވެ.

އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ބޫސްޓާ ޑޯޒް ޖަހަމުން ގެންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިމަހުގެ ފުރަތަމަ ހަފްތާގައި ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށާއި، ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޫސްޓާ ޑޯޒް ޖެހުމަށް ހުޅުވާލާނެ ކަމަށް ބުނެފައިވެ އެވެ.