އެމެރިކާގައި ފުރަތަމަ ފަހަރަށް އަންހެން އަދި ކަޅު ނަސްލަށާއި ދެކުނު އޭޝިއާ ނަސްލަށް ނިސްބަތްވާ ނައިބު ރައީސަކަށް ކާމާލާ ހެރިސް އިންތިޚާބުވެއްޖެ އެވެ.

ކާމާލާ ހެރިސްގެ މި ތާރީޚީ ކާމިޔާބީން ރަމްޒުކޮށްދެނީ އެތައް ދުވަހެއް ވަންދެން ސިޔާސަތުތަކުން ބާކީ ކުރެވިފައިވާ އެތައް އަންހެނުންނެއް މިއަދު މި "އާ ބާރުގެ" ހިއްސާދާރުންނަށް ވެއްޖެ ކަމެވެ. އަދި އެމެރިކާގައި އޮންނަ، އެހެން ނަމަވެސް ވެރިކަމުން ނުފެންނަ މަލްޓި ކަލްޗަރަލިޒަމް ވެސް ރަމްޒުކޮށްދެ އެވެ. ކާމްލާގެ މި ކާމިިޔާބާއެކު ފާއިތުވެދިިޔަ 200 އަހަރުގެ ތެރޭގައި ވެސް އެމެރިކާ ސަރުކާރުގެ އިސް މަގާމުތަކުގައި ފިރިހެނުން ތިބި ތިބުމަށް ނިމުމެއް އައީ އެވެ.

ކާމްލާ ގެންދަވަނީ އޭނާގެ އަމިއްލަ ތަޖުރިބާ އިން ޕޮލިހުންގެ ހަރުކަށިކަމާއި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. މީގެ ސަބަބުން އޭނާގެ މަގުބޫލުކަން އިތުރުވެގެން ގޮސްފައިވެ އެވެ.

އެމެރިކާ ސަރުކާރުގެ މިހާ މަތީ މަގާމަކަށް ހޮވުނު ފުރަތަމަ އަންހެން ބޭފުޅާގެ ލަގަބާއެކު މީގެ ހަތަރު އަހަރު އަހަރު ކުރިން ހިލަރީ ކްލިންޓަންގެ ނާކާމިޔާބީން ހިތްވަރު އެލިފައި ތިބި އެތައް އަންހެނުންގެ ހިތްވަރު އާލާވެގެން ދާނެ އެވެ.

މިފާއިތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކާމްލާ ވަނީ ޑިމޮކްރެޓިކް ޕާޓީގެ އަލިގަދަ ތަރިއަކަށްވެފަ އެވެ. އެގޮތުން ޔޫއެސްގެ ސެނެޓަށް އިންތިޚާބުވުމުގެ ކުރިން ސޭންފްރެންސިސްކޯގެ ޑިސްޓްރިކް އެޓާނީ އާއި ކެލިފޯނިއާގެ އެޓާނީކަން ވަނީ ކުރައްވާފަ އެވެެ.

އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގަތް ޖޯ ބައިޑެންއާއި ނައިބު ރައީސް ކަމަށް ހޮވި ވަޑައިގަތް ކާމާލާ ހެރިސް، ހުވާ ކުރައްވާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގަ އެވެ.