ލަންކާގައި ގެއްލިގެން ހޯދަނިކޮށް މަރާލާފައި އޮއްވައި ފެނުނު ދިވެހި ދަރިވަރުގެ މައްސަލައިގައި ފުލުހުންގެ ޓީމެއް ލަންކާއަށް ދިއުމަށް ހަމަޖެހިއްޖެ އެވެ.

ގެއްލިގެން ހޯދަނިކޮށް މަރުވެފައި ވަނީ އުމުރުން 24 އަހަރުގެ އަފްހާމް ނަސީރެވެ. އަދި އޭނާ އަކީ ލަންކާގައި ތައުލީމު ހާސިލްކުރަމުން ގެންދިޔަ ދަރިވަރެކެވެ.

އަފްހާމް މަރުވެފައި އޮއްވައި ފެނިފައިވަނީ ވެއްލަވައްތަ ރެއިލްވޭ ސަރަހައްދުންނެވެ. އަދި އަފްހާމްއާ އެކު އިތުރު މީހެއްގެ ހަށިގަނޑު ވެސް ފެނިފައިވާ ކަމަށް ލަންކާގެ ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަ ދިވެހި ފުލުހުންނާއި ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާއިރު، މިކަން ހިނގައިދިޔަ ގޮތް އިތުރަށް އޮޅުންފިލުވުމަށާއި، އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ފުލުހުންގެ ޓީމެއް ވަނީ ލަންކާއަށް ދިއުމަށް ނިންމާފަ އެވެ.

އަފްހާމް ގެއްލިގެން އޭނާގެ އާއިލާއިން އެކަން އިއުލާނުކޮށްފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުގަ އެވެ. އޭނާ އެންމެ ފަހުން ހަބަރެއް ވެފައިވަނީ މިމަހު ހަތަރު ވަނަ ދުވަހުގެ ރޭކަމަށާއި، ގެއްލުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް އާއިލާއިން ބުނެފައިވެ އެވެ.