ކާންޔޭ ވެސްޓްގެ ދަރިން ރަހީނުކުރިކަމަށް އޭނާގެ ކުރީގެ އަންހެނުން ކިމް ކާޑޭޝިއަންއަށް ތުހުމަތުކޮށްފި އެވެ.

ކާންޔޭ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި އަންހެނުން ކިމް ކާޑޭޝިއަން އާ ވަކިވާން ޖެހުނީ، ކިމްއަށް ކާންޔޭ ބޭވަފާތެރިވިކަން ހާމަވުމުންނެވެ. އެ މައްސަލައިގައި ކިމް ކާންޔޭ ކައިރިން ވަރިވާން ފައިލްކޮށްފައިވާއިރު، އެ ދެމީހުންގެ ވަރި މިހާރު ވަނީ ސާބިތުވެފަ އެވެ.

ކިމް އާއި ޕީޓް ޑޭވިޑްސަން ލޯބީގެ ގޮތުން ގުޅި، އެކީގައި ދިރިއުޅެން ފަށާފައިވާއިރު، ކިމް ވަނީ ޕީޓް އާއި އޭނާގެ ދަރިންނާ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް އެކަކު އަނެކަކަށް ތައާރަފްކޮށްދީ، އެކީގައި ވަގުތު ހޭދަކުރަން ފަށާފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ދަރިންނަށް ވެސް މިހާރު ޕީޓް ކަމުދާ ކަމަށް ކިމް ވަނީ ބުނެފަ އެވެ.

މިކަމާ ކާންޔޭ ނުރުހުން ފާޅުކުރާއިރު، އޭނާގެ ދަރިފުޅުގެ ވީޑިއޯއެއް ކިމް ސޯޝަލް މީޑިއާގައި އާންމުކުރުމުން ކާންޔޭ ވަނީ، އެކަމަށް ފާޑުކިޔާފަ އެވެ. އަދި ކާންޔޭގެ ހުއްދައާ ނުލައި ސޯޝަލް މީޑިއާގައި އެއްވެސް އެއްޗެއް އާންމު ކުރެވިގެން ނުވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެކަމަށް ކިމް ދިން ރައްދުގައި އޭނާ ބުނީ، ދަރިންގެ ކަންކަމުގައި އެންމެ ބޮޑަށް އިސްނަގައި، ހަރަދު ކުރަނީ ކިމް ކަމަށެވެ. އަދި އޭނާގެ ދަރިން އެންމެ ރަނގަޅު ގޮތުގައި ތަރުބިއްޔަރުކުރަން މަސައްކަތް ކުރާކަމަށާއި، ދެމަފިރިން ވަކިވާން ނިންމުމުން ދަރިން އެ ދެމެދަށް ނުވައްދަން އުޅުނު ނަމަވެސް އެކަމަށް ކާންޔޭ ހުރަސް އަޅާ ކަމަށެވެ. ނަމަވެސް ކާންޔޭ އެކަން ސިފަކޮށް ބުނީ އޭނާގެ ދަރިން ކިމް ރަހީނުކުރީ ކަމަށެވެ.

ކާންޔޭ އާއި ކިމްގެ ވަރި ސާބިތުވުމުން އެ ދެތަރިން ދަނީ ސޯޝަލް މީޑިއާގައި އެކަކު އަނެކަކަށް ފާޑުކިޔަމުންނެވެ.

ކިމްގެ ހަޔާތަށް އަލުން ކާންޔޭ އަންނަން އުޅުނު ނަމަވެސް އެކަމަކަށް އަލުން ފުރުސަތެއް ނުދޭނެ ކަމަށް ކިމް ވަނީ ބުނެފަ އެވެ.