ސްރީލަންކާގައި ގެއްލިގެން ހޯދަނިކޮށް މަރާލާފައި އޮއްވައި ފެނުނު ދިވެހި ދަރިވަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ދިވެއްސަކު ހޯދަން ފަށައިފި އެވެ.

ނަން ހާމަ ނުކުރުމަށް އެދި "ހުރިހާ" އާ ވާހަކަދެއްކި މީހަކު ބުނީ، އަފްހާމްގެ މަރުގެ މައްސަލައިގައި، ލަންކާގައި ދިރިއުޅޭ ދިވެއްސަކު މިހާރު ހޯދަން ފަށާފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމަށް ލަންކާގައި ދިވެހިން އުޅޭ ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނަށް ގޮސް ފުލުހުން ވަނީ އޭނާގެ ފޮޓޯ ދައްކައި އޭނާ ހޯދުމުގެ މަސައްކަތް ކުރަން ފަށާފައި ކަމަށް ވެސް އޭނާ ބުންޏެވެ.

"އިއްޔެ އަޅުގަނޑު ހުރި ދިވެހި ކެފޭއަށް ޕޮލިހުން އައި. އަދި ދިވެއްސެއްގެ ފޮޓޯ ދައްކާފައި އެންމެން ކާރި، އޭނާ އެއްވެސް ތަނަކުން ފެނުނުތޯ ސުވާލު ކުރި. އެކަމަކު އެއްވެސް އޮންލައިން ގްރޫޕެއްގައި އެ މީހާގެ ފޮޓޯ މިހާތަނަށް އާންމުކޮށްފައެއް ނުވޭ،" އެ މީހާ ބުންޏެވެ.

މި މައްސަލައިގައި ފުލުހުން މިހާތަނަށް ތިން މީހަކާ ސުވާލުކޮށްފައިވާއިރު، އަފްހާމްގެ ދިވެހި ލޯބިވެރިޔާ އާއި އޭނާ ލަންކާގައި ދިރިއުޅޭ ގޭގެ ދިވެހި ފިރިހެނަކާއި ލަންކާ މީހަކު ހިމެނެ އެވެ.

"ހުރިހާ" އާ ވާހަކަދެއްކި މީހުން ބުނާގޮތުގައި އަފްހާމް އުޅުނީ އޭނާގެ ރަހުމަތްތެރިއެއްގެ ގެއެއްގަ އެވެ. ނަމަވެސް މަޖުބޫރު ހާލަތެއް މެދުވެރިވެގެން އަފްހާމްއަށް އެގެއިން އެހެން ގެއަކަށް ބަދަލުވާން ޖެހުނު ކަމަށްވެ އެވެ. ނަމަވެސް އެއީ ވަގުތީ ގޮތުން ކަމެއް ނުވަތަ ނޫން ކަމެއް މިހާތަނަކަށް އެނގިފައެއް ނުވެ އެވެ.

އެރޭ އަފްހާމް ގެއިން ނިކުތް ނަމަވެސް ފަހުން އަންނާނެ ކަމަށް ބުނި ކަމަށާއި، އޭނާ ދަނީ އޭނާގެ ދިވެހި ލޯބިވެރިޔާ ކައިރިއަށް ކަމަށް ބުނި ކަމަށްވެ އެވެ. ނަމަވެސް އޭގެ ފަހުން އޭނާގެ ފޯނަށް ނުގުޅޭ ކަމަށާއި، ލޯބިވެރިޔާގެ ގެއަށް ނުގޮސް، ވެއްލަވައްތަ ބީޗުގައި އޭނާ އެކަނި ރެއިލްވޭ ސަރަހައްދުގައި ހިނގާފައި ދިޔަ މަންޒަރުތައް ސީސީޓީވީން ޕޮލިހުންނަށް ހާމަވެފައިވާ ކަމަށްވެ އެވެ.

އަފްހާމް މަރުވި އިރު، އޭނާގެ ދަބަހާއި، ދަބަހުގައި ހުރި ބައެއް ސާމާނު ޕޮލިހުންނަށް ފެނިފައިވެ އެވެ. އޭގެ އިތުރުން އަފްހާމްއަށް ހަމަލާދިން ވަޅިވެސް ފުލުހުންނަށް ފެނިފައިވާއިރު، އެ ވަޅިއަކީ އަފްހާމް ދިރިއުޅުނު ގޭގައި އޮތް ވަޅިއެއް ކަމަށް ފުލުހުންގެ ތަހުގީގަށް މައުލޫމާތު ލިބިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ލަންކާ ޕޮލިހުން ވަނީ އަފްހާމްގެ ރަހުމަތްތެރިންނަށް ވެސް ތުހުމަތުކުރާކަމުގެ ވާހަކަތަކެއް ކްރައިމް ސީންގައި ހުރެ ބުނެފަ އެވެ. ނަމަވެސް އޭނާގެ ރަހުމަތްތެރިންނަށް ކުރެވޭ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ޕޮލިހުންނަށް މިހާތަނަށް ލިބިފައެއް ނުވާ ކަމަށްވެ އެވެ.

އަފްހާމް މަރާލިކަމަށް ޕޮލިހުން ބުނާއިރު، އޭނާގެ ގައިގެ ހަތް ތަނަކަށް ފުން އަދި ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ. މި މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ޓީމެއް ވެސް މިހާރު ވަނީ ލަންކާއަށް ގޮސްފަ އެވެ.