ރާއްޖޭގެ ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން އިތުރު 15 އެމްބިއުލާންސެއް ރާއްޖެ ގެނެސްފި އެވެ.

އެމްބިއުލާންސްގެ ޚިދުމަތް ފުރިހަމައަށް ނުދެވޭ 96 ރަށަކަށް ޒަމާނީ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް އެމްބިއުލާންސް ބޭނުންވާ 41 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެވިފައިވާ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން އެމްބިއުލާންސް ނުފޯރުކޮށްދެވި ހުރި ރަށްތަކަށް ޒަމާނީ އެމްބިއުލާންސްތައް އަންނަ މާޗު މަހު ފޮނުވޭނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވެފައިވެ އެވެ.

އެގޮތުން އެސްޓީއޯ މެދުވެރިކޮށް 15 އެމްބިއުލާންސެއް ރާއްޖެ ގެނެސްފައިވާއިރު، އަލަށް ގެނައި މި އެމްބިއުލާންސްތައް ފޮނުވަން ފަށާނެ ތާރީހެއް އަދި ހެލްތު މިނިސްޓްރީން އިއުލާނެއް ނުކުރެ އެވެ.

އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ހިދުމަތަކަށްވާއިރު، ބަލި މީހުން ބަރޯއާއި ގާޑިޔަލުގައި އުފުލާ މަންޒަރުތައް އާންމުވެ، ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ރަށްރަށުން ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.