ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނިތަކެއް މަރާލި މައްސަލައިގެ ތަފްސީލީ ރިޕޯޓެއް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފިޝަރީޒް މިނިސްޓްރީއަށް އަންގަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ގަވާއިދާއި ހިލާފަށް ރާއްޖެ އެތެރެކުރި ދޫނިތައް މަރާލި މައްސަލައިގައި ކަން ހިނގައި ދިޔަގޮތުގެ ތަފްސީލީ ރިޕޯޓެއް ރައީސް އޮފީހަށް ހުށަހެޅުމަށް އަންގަވާފައިވާ ކަމަށެވެ.

އެގޮތުން 120 ދޫނި މަރާލަން ލަފާ ދިނީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ބުނެފައިވާއިރު، އެ ދޫނިތައް މަރާލާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގަ އެވެ. އެހެން ނަމަވެސް އެ ދޫނިތައް މަރާ ނުލައި، އެ ދޫނިތައް ގެނައި ގައުމަށް އަނބުރާ ފޮނުވާލެވެން އޮތް ކަމަށް ވެސް އޭޖީ އޮފީހުން ބުނެފައިވެ އެވެ.

އޭގެ އިތުރުން ގަވާއިދާ ހިލާފަށް ގެންނަ ދޫނިތައް އަބަދުވެސް ނައްތާލާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގިނަ އަދަދެއްގެ ދޫނިތަކެއް މާރާލާފައިވާ ފޮޓޯއާއި ވީޑިއޯ ޝޯޝަލް މީޑިއާގައި ދައުރުވެފައިއިވާއިރު، އާންމުން ދަނީ އެކަމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި މިކަމާ ދެކޮޅަށް އާންމުން ވަނީ މިއަދު ހަވީރު މުޒާހަރާ ކުރުމަށް ވެސް ނިންމާފަ އެވެ.

މިނިސްޓްރީން ދޫނިތައް މަރާލާފައިވަނީ ދޫނިތައް ހިފެހެއްޓި މައްސަލަ ސިވިލް ކޯޓުގައި އޮއްވާ ކަމަށްވެ އެވެ.