ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަ ނެތި މާލޭގެ މަގުތަކުން ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަމަށް އެމިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިހެން ބުނީ މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް ދިގު މުއްދަތަށް ޕާކިން ސްލޮޓްތައް ވިންކަން ނިންމާފައި ވަނިކޮށެވެ.

މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް 1،000 ޕާކިން ސްލޮޓް ވިއްކުމަށް ނިންމައި އެތަނުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ނަމަވެސް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅައި ހިލޭ ޕާކުކުރެވޭނެ ސަރަހައްދުތައް ފާހަގަކޮށް، ވަކި ވަގުތުތަކަށް ފީދައްކައިގެން ޕާކު ކުރެވުނު ނަމަވެސް، ޕާކިން ސްލޮޓްތައް ގިނަ އަހަރުތަކަކަށް ނުވަތަ މަސްތަކަށް ކުއްޔަށް ދިނުމަކީ ސިޓީ ކައުންސިލަށް ގާނޫނާއި ގަވާއިދު ހުއްދަކުރާ ކަމެއް ނޫން ކަމަށް އެ ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މިހާތަނަށް އެމިނިސްޓްރީއަށް ބޭނުންވާ ލޭންޑް ޔޫޒް ޕްލޭން ދޫކުރާނެ އުސޫލްތަކާއި ހުއްދަ ސިޓީ ކައުންސިލުން މިނިސްޓްރީއަށް ހުށަހަޅާފައިނުވާ ކަމަށެވެ.

ހަމައެހެންމެ މިނިސްޓްރީގެ ހުއްދައާ ނުލައި ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ޕާކިން ސްލޮޓްތައް ނުވިއްކޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.