ގަރާޖުގެ ގޮތުގައި ސްލޮޓް ރެޖިސްޓްރީކުރުން ނުހިމެނޭ ގޮތަށް މަގުތިން ޕާކިން ސްލޮޓް ކުއްޔަށްދޭން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގައި ތަރައްގީކުރި ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުން ފެށިގެން، އެ ކަމަށް ގާއިމުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ޕާކިން ސްލޮޓްތަކަކީ މަހު ފީގެ ގޮތުގައި އަގު ނަގާ ގޮތަށް ކުއްޔަށް ދޫކުރާ ސްލޮޓްތަކެއް ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ މި ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި، މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ހާއްސަ ސްލޮޓްތައް ހިމެނޭނެ ކަމަށެވެ. އަދި ގާއިމުކޮށްފައިވާ ޕާކިން ސްލޮޓުތަކުގެ ތެރެއިން 25 ޕަސެންޓް ހާއްސަކޮށްފައި ވާނީ މާލޭގައި ދުއްވާ ޓެކްސީތަކަށް ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

"ކޮންމެ ފަރުދަކަށް ވެސް ތަފާތު ތިން ސަރަހައްދަކުން ޖާގައަށް އެޕްލައި ކުރެވޭނެ. މި ހުޅުވާލެވޭ ފުރުސަތުތަކުގެ ތެރޭގައި ގަރާޖުގެ ގޮތުގައި ސްލޮޓް ރެޖިސްޓްރީކުރުން ނުހިމެނޭ،" ސިޓީ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ވަނީ ކުލިދައްކައިގެން ޕާކްކުރުމަށް ޖާގައަށް އެދޭ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާކޮށް، ބޭނުންވާ ތިން އޮޕްޝަނަށް އެޕްލިކޭޝަން ހުށަހަޅަން ވަނީ އަންގައިފަ އެވެ. އަދި އޮންލައިން ޕޯޓަލްގެ ލިންކް އަވަސް ފުރުސަތެއްގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.