ކޮވިޑާއި ގުޅިގެން ކުއްލި ހާލަތަށް ގެނައި ކ. މާފުށި ޖަލު އަނބުރާ އާންމު ހާލަތަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މާފުށި ޖަލުގައި ކޮވިޑް ފެތުރުން ހުއްޓުވި، ކޮވިޑަށް ޕޮޒިޓިވްވި ހުރިހާ ގައިދީން މިހާރު ވަނީ ބަލިން ފަސޭހަވެފައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ޖަލުގެ ހާލަތު އާންމު ހާލަތަށް ގެނެވިފައި ވާކަމަށްވެސް ކަރެކްޝަނުން ބުނެފައިވެ އެވެ.

އެގޮތުން މިއަދަށް ފަހު ގައިދީންނާއި ބަންދު މީހުންނަށް އާއިލީ އަދި ވަކީލް ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާންމު ހާލަތާއި ގުޅިގެން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ކަމަށް އެ ސާވިސްއިން ވަނީ ބުނެފަ އެވެ.

ގިނަ އަދަދެއްގެ އޮފިސަރުންނާއި ގައިދީން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޖަލު ކުއްލި ހާލަތަށް ގެނައީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.

ޖަލުގައި ކޮވިޑުގެ ހާލަތު ގޯސްވަމުން ދިއުމާއި ގުޅިގެން ކަރެކްޝަނުން މީގެ ކުރިން ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަރވިސްއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން އާއިލީ ބައްދަލުވުންތަކާއި ވަކީލުންގެ ބައްދަލުވުމުގެ އިތުރުން ކޯޓުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިޔަށް ގެންގޮސްފަ އެވެ.