ރާއްޖޭގައި އެމްޑީޕީގެ ސައިޒަކީ މިހާރު އެންމެ 30 އިންސައްތަ ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން މިއަދު ރ. މީދޫގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވަނީ ރާއްޖޭގެ ތާރީހުގައިވެސް މި ސަރުކާރުގެ ވެރިންނަށް ވުރެ ގައްދާރުވީ ބަޔަކު ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ހުރި މިފަދަ މީހުންނަށް ކިޔާނެ ނަމެއް ވެސް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އަދުރޭ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

ސަރުކާރަށް ދިވެހި ރައްޔިތުންގެ ސަޕޯޓު ގެއްލިފައިވާކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިއަށްވުރެ ބޮޑަށް އަޅުވެތި ކުރުވި ބަޔަކު ނެތް ކަމަށެވެ. އަދި ރާއްޖޭގައި އެމްޑީޕީގެ ސައިޒަކީ އެންމެ 30 އިންސައްތަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް 30 އިންސައްތައިން ވެރިކަމަށް އާދެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރިޔަސް، އަންނަ ރިޔާސީ އިންތިހާބުގައި ވެރިކަން ކާމިޔާބު ކުރައްވާނީ ރައީސް ޔާމީން ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި އެއަށްފަހު އެމްޑީޕީގެ ހައްގު މަގާމަކަށް ވާނީ ޖަލުގެ ގޮޅިތައް ކަން ފާހަގަކުރައްވައި، އަދުރޭ ވިދާޅުވީ ރައީސް ސޯލިހު ފަދަ "ބުރާންޗެއް" ރާއްޖޭގެ ވެރިއަކަށް ބޭނުން ނުވާ ކަމަށެވެ.

ޕީޕީއެމް އިން އިސް ނަގައިގެން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ހަރަކާތް މީދޫގައި މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، މި ހަރަކާތުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ. އޭގެ އިތުރުން ރ. އަތޮޅުގެ ގިނަ ބަޔަކު ވަނީ މި ހަރަކާރުގައި ބައިވެރިވުމަށް މީދޫއަށް ގޮސްފަ އެވެ.