އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވާން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މިހާރުން ފަށައިގެން ސޮފްޓްވެއާތައް އަޕްޑޭޓްކުރުމާއި ރިސާޗްތައް ފަށާފައިވާ ކަމަށެވެ. އަދި މީގެ ކުރިން ހަދާފައިވާ ސޮފްޓްވެއާތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ މިހާރު ބޭނުންކުރަމުންދާ ނެޓް ބުކްތަކާއި ޓެބްލެޓްތައް ވެސް ބަދަލު ކުރަންޖެހޭ ކަމަށެވެ. އަދި މިހާރު ބޭނުން ކުރަމުންދާ ތަކެއްޗަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭނުންކުރުމަށް ގެނެސްފައިވާ ނެޓް ބުކްތަކެއް ކަމަށާއި ޓެބްލެޓްތައް ހޯދާފައި ވަނީ މީގެ ފަސް އަހަރު ކުރިން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އާންމު ގޮތެއްގައި ފަސް އަހަރުވާއިރު އެ ބޭނުންކުރެވުނަސް އޭގެ އެފިޝެންސީ ވަރަށް ދަށުގައި ހުންނާނީ. ފަސް އަހަރު ކުރިން ހޯދި ޓެބްލެޓްތައް ވެސް އެއީ އެހާ ފެންވަރު ރަނގަޅު ޓެބްލެޓްތަކަށް ނޫން. އެއެއްޗެހީގެ ތެރެއިން ވެސް ވަރަށް ގިނަ އެއްޗިސްތައް މިހާރު އެބަ މަސައްކަތްނުކުރޭ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ހުރި މިފަދަ ވަސީލަތްތަކާއި ގުޅޭގޮތުން ދިރާސާތައް ކުރެވި އިތުރަށް ބޭނުންވަނީ ކިހާ ތަކެއްޗެއްތޯ ދެނެގަތުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މީގެއިތުރުން މީގެކުރިން ކުރެވިފައިހުރި ތަޖުރިބާތަކަށް ބަލާ ދެން އޮންނަ ރިޔާސީ އިންތިހާބުގައި އިސްލާހުކުރަން ހުރީ ކޮންކަން ތައްތަކެއްތޯވެސް ބަލަމުންދާ ކަމަށް ފުއާދު ވިދާޅުވި އެވެ. އެކަންކަމާއި ގުޅޭގޮތުން ދިރާސާތައް ކުރެވި މަޝްވަރާތައް ކުރަމުންދާ ކަމަށް ފުއާދު ވިދާޅުވި އެވެ.