މި އަހަރު ނިމުމުގެ ކުރިން އައްޑޫ ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މައުސޫމް މިހެން ވިދާޅުވެފައި ވަނީ ޝަންގްރިއްލާ ނުހުޅުވި ލަސްވާ މައްސަލައިގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލަށް ރައްޔިތުންގެ މަޖިލީހުގައި ޖަވާބު ދެއްވަމުންނެވެ.
މައުސޫމް ވިދާޅުވީ، ޝަންގްރިއްލާއަކީ 284 އެނދުގެ ރިސޯޓެއް ކަމަށާއި، އަދި އެހެން ރިސޯޓްތަކާ ހިލާފަށް އެ ރިސޯޓްގައި ސަރުކާރުގެ ހިއްސާވާ ކަމަށެވެ. ސަރުކާރުގެ 30 އިންސައްތަ ޝަންގްރިއްލާ ރިސޯޓްގައި އޮންނަކަން ފާހަގަކޮށް މައުސޫމް ވިދާޅުވީ، އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެގްރިމެންޓްގެ ދަށުން ރިސޯޓަށް ގެއްލުންވާ ހާލަތުގައި ލޮސް ފައިނޭސް ކުރުމަށްދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހޭ ކަމަށާއި، އެގޮތުން 68 މިލިއަން ޑޮލަރު ސަރުކާރުން ލޯން ފައިނޭންސިންގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހިފައި އޮތް ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.
ސަރުކާރަށް އެއްވެސް ފައިދާއެއް ނެތިދާތީވެ ސަރުކާރުގެ ވިސްނުން މިހާރު އޮތީ ހިއްސާ ދޫކޮށްލުމަށެވެ. ނަމަވެސް މިހާރު ގާނޫނު އޮންނަ ގޮތުން ހިއްސާ ވިއްކެން އަންނަ އަގު ބޮޑުވުމުން މައްސަލަ ހައްލުވާން އޮތީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ކުރިއަށް އޮތް ދެހަފުތާ ތެރޭގައި ހުށަހަޅާނަން،" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ ޝަންގްރިއްލާ ވީހާ އަވަހަށް ހުޅުވުމަށް ފައިނޭންސް މިނިސްޓްރީއާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. އަދި އެކަށީގެންވާ ގޮތެއްގައި ޝަންގްރިއްލާ ހުޅުވުމަށް ބައެއް މަރާމާތުތައް ކުރަންޖެހޭކަމަށް ޝަންގްރިއްލާގެ މެނޭޖްމެންޓުން މައުލޫމާތުދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިއީ ފަތުރުވެރިކަމުގެ ރަން އަހަރަށް ވާތީ، ސީދާ ތާރީހެއް ދަންނަވަން ދަތިނަމަވެސް، އުންމީދަކީ މިއަހަރު ޝަންގްރިއްލާ ހުޅުވުން ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.