ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓްގައި ވިދާޅުވީ މިމަހުގެ 18 ން 20އަށް ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ ހަ ރަށަކަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އުފަން ރަށް ހިންނަވަރުގެ އިތުރުން އަލަށް އެއާޕޯޓު ހެދި މަޑިވަރަށާއި ފެލިވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދުއަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރައީސް ސޯލިހު މީގެ ކުރިން ވެސް ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވާފައިވެ އެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން މިވަގުތު ތިއްބެވީ ސިންގަޕޫރުގަ އެވެ. އެ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން މާދަމާގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެއެވެ.

ރައީސް އެންމެ ފަހުން އަތޮޅުތެރެއަށް ވަޑއިގަތީ ށ. ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށެވެ.