އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން، ކުރެއްވި ސުވާލުތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ޖަވާބެއް ނުދެއްވި އެވެ.

ރާއްޖޭގައި ގާއިމުވެފައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުގެ މައުލޫމާތުތައް ހިއްސާކޮށްދިނުމަށް އެމްއެންޑީއެފްގެ ވެރިންނާއި މިނިސްޓަރު މާރިޔާ ވަނީ 241 ކޮމިޓީއަށް ވަޑައިގެންފަ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވަނީ، ކުރީގެ ރައީސް، އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވެދާނެ ކަމެއް ކަމަށް ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރުގެ ވާހަކަފުޅަށް ފަހު، މެމްބަރުންނަށް ސުވާލުކުރުމަށް ފުރުސަތުދީފައިވާއިރު، މެމްބަރު އަލީ ވަނީ އިންޑިއާ އައުޓްގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވަނީ ކޮން ފަރާތެއްގެ ސަބަބުން ކަމަށް ސުވާލުކުރައްވާފަ އެވެ. އެހެން ނަމަވެސް މިނިސްޓަރު މާރިޔާ މި ސުވާލަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

"ކާކުތޯއޭ ގައުމީ ސަލާމަތަށް ނުރައްކާކުރާނީ، އެއްގޮތަކަށް ވެސް އަޅުގަނޑު މި ކެމްޕޭނާ އެއްކޮޅުވެގެން ދެކޮޅުވެގެންނެއް ނޫން. ނަމަވެސް އެ ކެމްޕޭނާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާކުރާނީ ކާކުތޯ؟ އެ ސުވާލަށް ޖަވާބެއް ބޭނުންވާތީ،" މެމްބަރު އަލީ ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅުން އަޑުއުފުލައި ހަރަކާތްތައް ބާއްވަމުން ގެންދާއިރު، މިފަދަ ހަރަކާތްތަކަކީ ރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ސިޔާސަތުތަކަށް ނޭދެވޭ އަސަރެއް ކުރާނެ ކަންކަން ކަމަށް ނިންމައި ރައްޔިތުން މަޖިލީހުގެ 241 ކޮމިޓީން ދަނީ މި މައްސަލަ ބަލަމުންނެވެ.

ނަމަވެސް ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން މިނިވަންވުމާ އެކު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ކެމްޕޭން އިތުރަށް ވަރުގަދަކޮށް ކުރިއަށްގެންދަމުންނެވެ.