މޮސްްކޯ (18 ފެބްރުއަރީ) - ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިނަށް ވާގިވެރިވާ އެންމެ ގާތް ގައުމު ކަމަށްވާ ބެލަރުސްގެ ރައީސް އެލެކްޒަންޑާ ލުކަޝެންކޯއާ ބައްދަލު ކުރައްވައިފި އެވެ.

ދެ ރައީސުން ބައްދަލު ކުރައްވާފައި ވަނީ ފުރަމާނަ ދަތުރުފުޅެއްގައި އިއްޔެ ލުކަޝެންކޯ ރަޝިއާއަށް ވަޑައިގަތުމުންނެވެ. ލުކަޝެންކޯގެ މި ދަތުރުފުޅުގައި ޔޫރަޕްގެ މިވަގުތުގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ލުކަޝެންކޯގެ މި ދަތުރުފުޅަކީ ޔޫކްރެއިންއަށް ހަމަލާދޭން އުޅޭ ކަމަށް ބުނެ ރަޝިއާއަށް މުޅި ދުނިޔޭގެ ހާއްސަކޮށް އެމެރިކާއާއި ނޭޓޯގެ ފިއްތުންތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ކުރެއްވެވި ދަތުރުފުޅެކެވެ.

"ޔޫރަޕްގެ މިވަގުތުގެ މަޝްރަހާ ބެހޭގޮތުން މަޝްވަރާތައް ކުރެވޭނެ. އަދި ހާލަތަށް ތައްޔާރު ވުމުގެ ގޮތުން ސަލާމަތީ ތަމްރީނުތަކުގެ މަޝްވަރާތައް ވެސް ކުރެވޭނެ،" ބައްދަލުވުމުގެ ކުރިން ޕުޓިން ވިދާޅުވި އެވެ.

މަޝްވަރާ ބައްދަލުވުންތަކުގެ އިތުރުން ލުކަޝެންކޯގެ ދަތުރުފުޅުގައި މިވަގުތު ރަޝިއާގެ އަސްކަރިއްޔާއިން ހިންގާ އެކި އޮޕަރޭޝަންތައް ވެސް ޕުޓިންއާއެކު ބައްލަވާލައްވާނެ އެވެ.

އެމެރިކާއިން ލަފާ ކުރާ ގޮތުގައި ރަޝިއާއާއި ބެލަރުސް ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތަަކަށް ރަޝިއާގެ 30،000 އަށްވުރެ ގިނަ ސިފައިން ބެލަރުސްއަށް ވަނީ ގޮސްފަ އެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމައެއް ފެށިއްޖެ ނަމަ ބެލަރުސްއަކީ ރަޝިއާއަށް އެންމެ ވާގިވެރިވާނެ ގައުމު ކަމަށް ބެލެވެ އެވެ. -- އަލް އަރަބިއްޔާ