ޅ. މަޑިވަރު އެއާޕޯޓަށް ދިއުމަށް ކުރާ ދަތުރުގެ އަގު ހެޔޮކުރަން މަސައްކަތް ކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޅ. ނައިފަރުގެ 100 ހައުސިން ޔުނިޓް، އެރަށު ކައުންސިލާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުގެ އަގު ބޮޑުވުމަކީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރާނެ ކަމެއްގެ ގޮތުގައި، އެނގިފައިވާކަން ފާހަގަކުރައްވާފަ އެވެ އަދި މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުގެ އަގު ހެޔޮކުރަން އައިލެންޑް އޭވިއޭޝަނާ ވާހަކަ ދައްކަވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"މިއަދު އަޅުގަނޑަށް މިތާ ހުރެ ވަކިގޮތެއް އޭގައި ތިޔަބޭފުޅުންނާ ހިއްސާކޮށްލަން ދަތިވިނަމަވެސް، އިރާދަކުރެއްވިއްޔާ، އަޅުގަނޑު އައިލެންޑް އޭވިއޭޝަނާ އެ ވާހަކަ ދައްކައި، އެކަމަށް ރަނގަޅު ހައްލެއް، ލަސްތަކެއްނުވެ ގެނައުމުގެ މަސައްކަތް ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަޑިވަރު އެއާޕޯޓަށް ދިއުމަށް 1020 ރުފިޔާ އަށް ޓިކެޓް ގަންނަން ޖެހުމަކީ ރައްޔިތުން ކަންބޮޑުވާނެ ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަމަށް އަވަސް ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

މަޑިވަރު އެއާޕޯޓް ހުޅުވާފައިވާއިރު، އެއާޕޯޓަށް ދަތުރުކުރެވޭ އަގު ބޮޑުވުމާއި ގުޅިގެން އާންމުން ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެކަން ފާހަގަކޮށް އަގު ހެޔޮ ކޮށްދިނުމަށް އެދި ސޯޝަލް މީޑިޔާގައި އާންމުން ވަނީ ޝުއޫރު ފާޅުކޮށްފަ އެވެ.