މީލާދީން 1505 ވަނަ އަހަރު ޕޯޗްގީޒުގެ ލިޔުންތެރިޔަކު ރާއްޖެއާ ބެހޭ ގޮތުން ލިޔެފައިވާ މި މުހިންމު ލިޔުމުގެ އިނގިރޭސި ތަރުޖަމާއެއް މުހައްމަދު އިބްރާހިމް ލުތުފީ ވަނީ ފަތްތޫރައިގައި ޝާއިއު ކުރައްވާފަ އެވެ.

ލުތުފީ ވިދާޅުވާ ގޮތުން މުސްކުޅި ޕޯޗްގީޒު ބަހުން ލިޔެފައި އޮތް މިލިޔުމުގެ އަސްލު ލިޔުނު ލިޔުންތެރިޔާގެ ނަމެއް އެނގޭކަށް ނެތެވެ. ނަމަވެސް އެނގެން އޮތް ހަގީގަތަކީ ލިޔުންތެރިޔާގެ ލިޔުމުން އޭރުގެ ދިވެހިރާއްޖެ ވަރަށް ރީތިކޮށް ސިފަކޮށްދީފައި އޮތްކަމެވެ.

ރާއްޖެ އޮތް ގޮތް

ޕޯޗްގީޒު ލިޔުންތެރިޔާ ލިޔެފައިވާ ގޮތުން ނަމަ މީލާދީން 1505 ވަނަ އަހަރު ރާއްޖޭގައި ކުދި ބޮޑު 12،000 ރަށް އޮވެ އެވެ. މި ބަޔާނަކީ ހަމަ އެކަނި ތޯތޯއަށް ކިޔައިއުޅޭ އަދަދެއްގެ މައްޗަށް ބުރަވެ ލިޔުނު އަދަދެއް ކަމެއް ނުވަތަ ރާއްޖެއާއި ރާއްޖޭގެ އުތުރުން އިންޑިއާގެ ޔޫނިއަން ޓެރިޓަރީގެ ގޮތުގައި މިހާރު އޮންނަ ލަކްޝަދީޕްގެ ރަށްތަކާއި ދެކުނުން، އެފްރިކާގެ ބައްރާ ކައިރީގައި ހުރި އިންޑިއަން އޯޝަން އައިލެންޑްތައް ވެސް ހިމެނޭހެން ގުނައި އުޅުނު ގުނުމެއް ކަމެއް ސާފެއް ނުވެ އެވެ.

ތާރީޚީ ބައެއް ހެކިތަކަށް ބިނާކޮށް ލެކެޑިވްސްއަކީ ކުރިން ރާއްޖޭގެ ބައެއްކަމުގައި ބައެއް މުވައްރިޚުން ބަޔާންކުރެ އެވެ. ހަމަ އެފަދައިން ދެކުނުން ވެސް ރާއްޖޭގެ ބައެއް ދިވެހީންގެ އަތުން ބީވެ ގޮސްފައިވާކަމުގައި ފެނެ އެވެ. އޭގެ ތެރެއިން ކަނޑައެޅިގެން އެނގެން އޮތް އެއް އަތޮޅަކީ ފޯޅަވަހި އެއަތޮޅަކަށް ނިސްބަތްވާ އަތޮޅެވެ.

ފަރަންސޭސި ލިޔުންތެރިޔާ ޕިރާޑުގެ ޒަމާނުގައި ވެސް އޭރުގެ ރަސްގެފާނު ފޯޅަވަހި އަނބުރާ ހޯއްދެވުމުގެ އެދުންފުޅުގައި އޮޑިފަހަރު އެ ހިސާބަށް ފޮނުއްވެވި އެވެ. ނަމަވެސް އެފަހަރު ދިޔައޮޑި ފަހަރު އެނބުރި ރާއްޖެ އައީ މާބޮޑު ކާމިޔާބެއް ނުލިބެ އެވެ.

މިލިޔުމުގައި ރާއްޖޭގެ ނަމަކަށް އޮތީ "އިލްހާ ދީވް" އެވެ. މާލެއަށް ކިޔާފައި އޮތީ "ދީވް މަހަލް" އެވެ. މި ބަހުގެ މާނަކަމުގައި ލިޔުންތެރިޔާ ލިޔެވައި އޮތީ ތަނަވަސްކަމުގެ ރަށުގެ ގޮތުގަ އެވެ.

ރާއްޖޭގެ ރަށްތަކުގެ ރަށްތަކުގެ ސައިޒާ އެއްރަށް އަނެއް ރަށާ ދެމެދު އޮންނަ އެވްރެޖް ދުރުމިން ފަދަ ތަފުސީލުތަކަކަށް ފަހު ރާއްޖޭގެ މީހުން ސިފަކޮށްފައި އޮތީ ވަރަށް "ރަށްފުށް" ސާދާ ބައެއްގެ ގޮތުގަ އެވެ. ލިޔުންތެރިޔާގެ ނަޒަރުގައި އެ މީހުންނަކީ ހިތްހެޔޮ އިތުބާރު ކުރެވޭފަދަ ބަދަ ބައެކެވެ.

ދިވެހިންގެ ދިރިއުޅުން

އޭރުގެ ރާއްޖޭގައި ގަލުން ރާނާފައި ހުރި އެއްވެސް ގެއެއް ހުރި ކަމަކަށް ނުވެ އެވެ. ގެދޮރު އަޅައިއުޅުނީ ދިވެހި ރުކުގެ ވަކަރުންނެވެ. ލިޔުންތެރިޔާ ލިޔެފައިވާ ގޮތުގައި އެ ގެތަކުގައި ތަޅުމެއް ފަދަ އެއްޗެއް ވެސް ނުހުރެ އެވެ. ބިންމަތީގައި އޮންނަނީ ދިވެހި ރުކުގެ ފަން އަޅައިފަ އެވެ. މީގެ އިތުރުން ގޭގޭގައި އެއްވެސް ކަހަލަ ފަރުނީޗަރެއް ނުހުރެ އެވެ. ހިފާ ގެންގުޅޭ ސާމާނުގެ ގޮތުގައި ހުންނަނީ ބޯފެން ބަނޑިޔާ ފަދަ ކައްކާ ތެލި، ތާސް ފަދަ ތަކެތި އެކަންޏެވެ.

ދިވެހިންގެ ކެއިން ބުއިން

މައިގަނޑު ކެއުމެއްގެ ގޮތުގައި އެ ޒަމާނުގައި ވެސް ދިވެހިން ކައި އުޅެނީ ހަނޑުލެވެ. އެކަމަކު އެއީ އޭރު ވެސް ރާއްޖޭގައި ހައްދާ އެއްޗެއް ނޫނެވެ. ހަނޑޫ ގެންނަނީ ބަންގާޅު، މެލޭ، ސުމަތުރާ، އިންޑިޔާ، ކަލީކޮޓު، ފަދަ ތަންތަނުން ރާއްޖެ އަންނަ ވިޔަފާރިންނާއި އޮޑިފަހަރުންނެވެ. ހަނޑުލުގެ އިތުރުން ރާއްޖޭގައި ހެދޭ ބައެއް ކަހަލަ ގޮވާމާ އަލަ، ކައްޓަލަ ކަހަލަ ބާވަތްތައް ދިވެހިން ކައިއުޅޭ ކަމަށް ލިޔެފައިވެ އެވެ. މިހުރިހާ އެއްޗަކާއެކު ވެސް ދިވެހިން އެންމެ ގިނައިން ކައި އުޅެނީ ކަނޑު މަހެވެ.

ރާއްޖޭގެ އިގުތިސާދު

އިގްތިސާދީ ގޮތުން ބަލާއިރު އޭރުގެ ރާއްޖެއަކީ ބޭރުގެ ވިޔަފާރި ވެރިން ވަރަށް ޚާއްސަ ސަމާލުކަމެއް ދީފައިވާ ގައުމެއް ކަމަށްވާ ފާހަގަ ކުރެވެ އެވެ. ރާއްޖޭގެ ފަރުތަކުން ހިލާ ބޮލި އެއީ އެ ދުވަސްވަރު އެތެރެވަރީގެ ގިނަ ގައުމުތަކުގައި ފައިސާގެ ގޮތުގައި ގެންގުޅުނު އެއްޗެކެވެ. އެހެން ކަމުން އެބޮލި ވިއްކައިގެން ރާއްޖެއަށް ވަރަށް ބޮޑު ނަފައެއްވާ ކަމަށްވެ އެވެ.

ބޮލީގެ އިތުރުން ރާއްޖޭގައި ވަށާ ރޯނަކީ ވެސް އޭރު މިހިސާބު ގަނޑުގެ ގައުމުތަކުގައި ވަރަށް މަގުބޫލު އެއްޗެކެވެ. މަސްވެރިކަމުގެ އާލާތް ތަކަށާއި ދޯނި ގެދޮރު އިމާރާތަ ކުރުން ފަދަ ކަންކަމަށް ރޯނުގެ މުހިންމުކަން ހާމަކުރުމަށް ފަހު ލިޔުންތެރިޔާ ލިޔެފައިވެ އެވެ.

"އިންޑިޔާގެ ރަށްތަކުގައި އެ ރޯނު ވަރަށް ބޮޑަށް ބޭނުންކުރެވެ އެވެ. އެއީ އެރޯނަށް ވުރެ މޮޅު ރޯނެއް އެރަށް ތަކުން ނޫނީ ނުލިބޭތީ އެވެ،" އެ ލިޔުމުގައި ބުނެފައިވެ އެވެ.

ކޮންމެ އަހަރަކު ދިހަ ބާރަ އޮޑި ބަންގާޅާ ޕާޝިޔާ ސުމަތުރާ ފަދަ ގައުމުތަކަށް ދިވެހި ރޯނު ބަރާކޮށް ގެންދާ ކަމަށްވެ އެވެ.

ރާއްޖޭގެ ހިކި މަހާ ބެހޭ ގޮތުން ލިޔުންތެރިޔާ ލިޔެފައި ވަނީ އެ މަހަކީ ރާއްޖޭން ނޫނީ ލިބެން ނެތް ވަރަށް ފެންވަރު ރަނގަޅު މަހެއް ކަމަށެވެ. އެހެންކަމުން އެމަހުގެ ޑިމާންޑު މި ހިސާބުގަނޑުގެ ހުރިހާ ގައުމެއްގައި ވެސް ވަރަށް ބޮޑުކަމަށްވެ އެވެ. އެ މަސް ވިއްކަނީ ވަރަށް ބޮޑު ފައިދާ ލައިފައިކަމަށް ވެސް ލިޔެފައި އޮތެވެ.

ރާއްޖޭގެ އިގުތިސާދު އޭރު އޮތް ގޮތުން ރާއްޖެއިން ބޭރުކުރާ މުދަލުގެ ބަދަލުގައި އެތެރެ ކުރެވެނީ ވަރަށް މަދު އެއްޗެކެވެ. އެތެރެ ކުރެވޭ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ހަޑުލާ ހަކުރުގެ އިތުރުން ކަފަ އެވެ. ކަފައިގެ ބޭނުމަކީ ދިވެހިންނަށް ބޭނުންވާނޭ ފޭރާން ވިޔުމެވެ. ލިޔުންތެރިޔާ ލިޔެފައިވާ ގޮތުން އޭރު ރާއްޖޭގައި ވަރަށް ފެންވަރު ރަނގަޅު ފޮތި ފޭރާން އުފައްދަ އެވެ. އޭގެ ދެ ކޮލިޓީއެއްގެ ފޭރާން ވިޔާ ކަމަށްވެ އެވެ.

ދިވެހިންގެ އޭރުގެ ބޭނުންތަކަށް ފުދޭވަރަށް ރާއްޖޭގައި ފޮތި އުފައްދަ އެވެ. މިހިސާބުން އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ ރާއްޖެއިން އެ ހުރިހާ މުދާ ބޮޑު އަގުގައި އެކްސްޕޯޓު ކޮށް އިންޕޯޓް އެހާ ދަށްއިރު ދިވެހިންގެ އާންމު މުއްސަނދިކަން އެހާ މައަޗަށް ނުގޮސް އޮތީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ރާއްޖޭގެ ޓެކްސް ނިޒާމާ ވެރިކަމުގެ ވައްޓަފާޅި އޭރު އޮތް ގޮތަށް ވިސްނާލުމުން އަންދާޒާ ކުރެވޭވަރުވެ އެވެ.

ރާއްޖޭގެ ޓެކްސް ނިޒާމާ ވެރިކަމުގަ ބާރު ވެރިކަން

ލިޔުންތެރިޔާ ލިޔެފައި ވާގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ މައްޗަށް ވެރިކަން ކުރައްވާ ރަސްކަލަކީ މާލޭގައި ހުންނަވާ ރަސްގެފާނެވެ. އެ ރަސްގެފާނަށް ކޮނަމް ދުވަހަކު ވެސް އާންމުންގެ ފަރާތުން ކާނާގެ ދޮލަނގުތައް ވެދުން ކުރަން ޖެހެ އެވެ. މާލެ ނޫން ރަށް ރަށުގެ މީހުން ކޮންމެ އަހަރަކު ވެސް ކަނޑައެޅޭ މިންވަރަކަށް ބޮލި ހިލައިގެން ރަސްގެފާނަށް ވެދުން ކުރަން ޖެހެ އެވެ.

އެގޮތުން ލިޔުންތެރިޔާ ލިޔެފައި ވާ ގޮތުން ކޮންމެ ގޭ ބިސީއަކުން އަހަރަކު12 ހަންދަރު ބޮލި ދޭން ޖެހެ އެވެ. މި ޓެކްހަކީ އޭރު މާލޭގައި އުޅޭކަމުގައި ލިޔުންތެރިޔާ ބަޔާން ކުރާ 2000 މީހުން ދޭން ޖެހޭ އެއްޗެއް ނޫނެވެ. މީގެ އިތުރުން ވެސް ރާއްޖެ އިން ފެންނަ މާވަހަރާ އެނޫން ވެސް އަގު ބޮޑު ހުރިހާ އެއްޗަކީ ރަސްގެފާނުގެ މިލްކެވެ. ރައްޔިތުންނަށް މާބޮޑު ތަނަވަސްކަމަކަށް ވިސްނުމުގެ ފުރުސަތެއް ނޯވެ އެވެ.

ރަސްގެފާނާއި އާއިލާ ފިޔަވައި އެހެން ބަޔަކަށް ފައިވާނަށް އެރުމާއި ބޮލުގައި އެއްޗެއް އެޅުމާއި ގަހަނާ ބޭނުން ކުރުމުގެ ހުއްދައެއް ވެސް ނޯވެ އެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ އުފެއްދުންތެރިކަމަކާ ވިޔަފާރީގެ ނަފާޔާ މަންފާ ލިބެނީ ސީދާ ރަސްގެފާނަށެވެ. ރައްޔިތުންގެ ތެރެއިން ރަށްފުށު މީހުންނަކީ ރަސްގެފާނަށް އެ މުއްސަނދިކަން ހޯދައި ދިނުމަށް މަސައްކަތްކުރާ މީހުންނެވެ. އެ މީހުންގެ އަމިއްލަ ދިރިއުޅުން ރަނގަޅުކުރުމުގެ ވިސްނުމެއް ފިކުރެއް އޭރުގެ ރަށްފުށު މީހުންގެ މެދުގައި އޮތް ކަމަކަށް ނުވެ އެވެ.

ރާއްޖޭގައި މީހުން އުޅެން ފެށިތާ ކިތަންމެ ގިނަ ޒަމާންތަކެއް ވީކަމުގައި ވިޔަސް ދާދި ފަހަކާ ޖެހެންދެން ވެސް އެ މީހުންގެ ދިރިއުޅުމާ ބެހޭ މާބޮޑު މައުލޫމާތެއް ލިޔެވި ރައްކާކުރެވިފައެއް ނެތެވެ. އެންމެ ކުރީގެ ދިވެހިންގެ ދިރިއުޅުން އަންދާޒާ ކޮށްލަން ލިބެނީ ކޮންމެވެސް ބޭރުގެ ލިޔުންތެރިއެއްގެ މިފަދަ ލިޔުމަކުންނެވެ. މިތަނުގައި މި ބަޔާން ކުރެވުނީ މީލާދީން 1505 ވަނަ އަހަރުގެ ރާއްޖޭގެ ހާލަތު އޮތް ގޮތެވެ. އޭރާ މިހާރާ އަޅަ ކިޔާލުމަކީ ނެތް ކަމެއް ނޫނެވެ.